ޕީސީއާރު ހަދަން ސޯޝަލްސެންޓަރު ކައިރީގައި އާންމުން ކިއުޖެހިފައި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އެޗްޕީއޭގެ "ކުއްލި" ނިއްމުމަށް އެތައް ބައެއްގެ ފާޑުކިޔުމާއި ނުރުހުން!

މާލެ، ހުޅުމާލެ، ވިލިމާލެގައި ހަފްތާއަކު ޓެސްޓުކުރެވޭ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވް ރޭޓު ފަސް އިންސައްތަ އަށްވުރެ މަތިވެފައިވާތީ ކަމަށް ބުނެ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މާލޭގައި އަޅައިފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް، އެ ނިންމުން އިއުލާންކުރީ އިއްޔެ އެވެ. އެ ނިންމުމުގެ ތެރެއިން ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަރާތެއްކަމުގައިވީނަމަވެސް، 72 ގަޑިއިރު ނުވާ ޕީ.ސީ.އާރް ނެގެޓިވް ނަތީޖާއަކާ ނުލާ، މިއަދުން ފެށިގެން މާލެއިން ރަށްރަށަށް ދަތުރު ނުކުރެވޭގޮތަށް އުސޫލު ކަނޑައެޅި އެވެ.

އެޗްޕީއޭގެ މި "ކުއްލި" ނިއްމުމާއެކު، ސްކޫލް ބަންދުގައި އަތޮޅުތެރޭގެ ރަށްރަށުން ނުލިބޭ އެތައް ހިދުމަތްތަކެއް ހޯދުމަށް މާލެއަށް އައިސްއުޅޭ އާއިލާތަކަށް ލިބުނީ ކުއްލި ސިހުމެކެވެ. އަދި މާލޭގައި އުޅެމުންދާ ރަށްރަށުގެ އެތައް އާއިލާތަކެއް ތުއްތުތުއްތު ޅަ ދަރިން އުފަލައިގެން މަރުކަޒުތަކުގައި ޕީސީއާރު ޓެސްޓު ހެދުމަށް ކިއު ހަދާލި އެވެ.

މީސްމީޑިއާގައި އާއްމުވެފައިވާ މަންޒަރުތަކުން ފެންނަގޮތުގައި، ތުއްތު ޅަދަރިން ގޮވައިގެން އާއިލާތައް ރޭ ދަންވަރުވެސް ހުރީ ޕީސީއާރު ހެދުމަށް ކިއުގައި ޖެހިގެންނެވެ. އަދި މިހާރުވެސް ސޯޝަލް ސެންޓަރު ވަށައިގެން އާއިލާތައް އޮތީ ޕީސީއާރު ހެދުމަށް ކިއު ހަދައިފައެވެ. އެހެންކަމުން އެޗްޕީއޭގެ މި "ކުއްލި" ނިއްމުމަށް އެތައް ބަޔަކު އަންނަނީ ފާޑުކިޔާ ނުރުހުމުގެ ބަސްތައް ރައްދުކުރަމުންނެވެ. ގިނަ ބަޔަކު ބުނަނީ ސަރުކާރު "ފެއިލް" ވެފައިވާ ކަމަށެވެ.

އާންމުގެ ޝަކުވާތަކާއެކު ރޭގައި އެޅި ފިޔަވަޅުތަކަށް އެޗްޕީއޭއިން ވަނީ ދެ ދުވަހަށް ލުއިދީފައެވެ. އެގޮތުން މާލެއިން ރަށްރަށަށް ދަތުރު ކުރަން ޖެހޭ ފަރާތްތަކަށް އިހުތިޔާރު ކުރަން ދިން އެޗްޕީއޭއިން ދެ ގޮތެއް ދިނެވެ. އެއީ:

  • މާލެއިން ސާމްޕަލްއެއް ނެގުމަށް ފަހު ދަތުރުކޮށް ނަތީޖާ ލިބެންދެން ކަރަންޓީންގައި ހުރުން.
  • ރަށަށް ދަތުރުކޮށް، ރަށުން ސާމްޕަލް ނަގާ ޓެސްޓްކުރުމަށް ފަހު، ޓެސްޓް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުރުން.

ނަމަވެސް އެޗްޕީއޭގެ މި ނިންމުމާއެކު އަދިވެސް ގިނަ ބަޔެއްގެ ޝަކުވާއަކަށް ވެފައި އޮތީ އެޗްޕީއޭއިން އެއްވެސް ބެލުމެއް ނެތި، ކުއްލިއަކަށް މި އުސޫލުތައް އިއުލާންކުރުމެވެ. ގިނަ ބަޔަކު ވަނީ އެޗްޕީއޭގެ މި ނިންމުމަށް ފާޑުކިޔާ މީސްމީޑިއާގައި އެ އިދާރާއަށް ނުރުހުމުގެ ބަސްތައް އަމާޒުކޮށްފަ އެވެ.

މީގެ އިތުރުން ކުއްލިއަކަށް ޕީސީއާރު ނަތީޖާއަކާ އެކު ދަތުރުކުރެވޭ ގޮތަށް އުސޫލު ބަދަލުކުރުމުން އާއްމުންގެ އަނެއް ޝަކުވާއަކަށް ވެފައި އޮތީ ޕީސީއާރު ޓެސްޓުގެ ނަތީޖާ ލިބެން މަދުވެގެން 24 ގަޑިއިރު ނެގުމެވެ. އެގޮތުން ސެނެހިޔާ އާއި ސޯޝަލް ސެންޓަރުން ނަގާ ޓެސްޓުގެ ނަތީޖާ ލިބެން މަދުވެގެން 24 ގަޑިއިރު ނަގަ އެވެ.

ނަމަވެސް އަމިއްލަ އަށް ރުފިޔާ ދައްކައިގެން  ޓެސްޓް ހަދާ ލެބޯރަޓަރީތަކުން އެއަށް ވުރެ އަވަހަށް ނަތީޖާ ލިބެއެވެ. އެކަމަކު އެތަންތަނުން  ޕީސީއާރުގެ އަގު އުޅެނީ 500ރ. އާއި 700ރ. އާ ދެމެދުގަ އެވެ. މާލެ ސަރައްހަދުގައި ޕީސީއާރު ހިލޭ ހެދެނީ ސޯޝަލް ސެންޓަރުންނާއި ވިލިމާލެއިން އެކަންޏެވެ.

މާލެއިން ރަށްރަށަށް ދަތުރުކުރުމުގައި އަޅައިފައިވާ ފިޔަވަޅުތައް ހަރުކަށި ކޮށްފައި މިވަނީ، މިދުވަސްވަރަކީ ސްކޫލް ޗުއްޓީ ދުވަސްވަރުކަމުން ރަށްރަށުން އެތައް ބަޔަކު ބާޒާރުކުރުމަށާއި، ބޭސްފަރުވާއަށް އަދި އެހެނިހެން ބޭނުންތަކަށް މާލެ އައިސްގެން އުޅޭ ދުވަސްވަރެއްގަ އެވެ. އަދި އަންނަ އާދީއްތަ ދުވަހު ސްކޫލްތަކުގެ ކިޔެވުން ފެށޭތީ، މި ހަފްތާ ތެރޭގައި ގިނަ ބަޔަކު ރަށްރަށަށް ފުރައިގެން ދިއުމަށް އައީ ތައްޔާރުވަމުންނެވެ.

ނަމަވެސް އެޗްޕީއޭގެ މި ކުއްލި ނިންމުމާއެކު މިއަދު ފުރަން ޓިކެޓް ނަގައިގެން ތިބި އެތައް ބަޔަކަށް ވަނީ ޓިކެޓް ކެންސަލުވެސް ކުރަން ޖެހިފަ އެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ