ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާޢީލް ވަގުތުން ދޫކޮށްލުމަށް އިދިކޮޅު ކޯލިޝަންއިން ގޮވާލައިފިއެވެ.
އެކޯލިޝަނުން ބުނީ، އިއްޔެ ހަވީރު ސުލްޙަވެރިކަމާއެކު، އެޗްޕީއޭގެ ގައިޑްލައިންގައިވާ ގޮތުންގެ މަތިން އިޙްތިޖާޖު ކުރަމުންދަނިކޮށް ފުލުހުންވަނީ އިޙްތިޖާޖުގެ ތެރެއިން ގިނަ ބަޔަކު ހައްޔަރުކޮށްފައިވާކަމަށެވެ.
އަދި ހައްޔަރު ކުރި މީހުންގެ ތެރެއިން ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާޢީލްގެ ބަންދަށް މިއަދުވަނީ ކޯޓުން 3 ދުވަސް ޖަހާފައިވާއިރު، މިކަން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް މުޙައްމަދު އިސްމާޢީ ވަގުތުން ދޫކޮށްލުމަށް އެކޯލިޝަނުންވަނީ ގޮވާލާފައެވެ.
"މުޙައްމަދު އިސްމާޢީލު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖެހުމަކީ މިސަރުކާރު ވަރަށްބޮޑަށް ބަލިކަށިވެ ހަދާނެގޮތް ހުސްވެގެން ވާދަވެރި ކޯލިޝަންގެ އަޑު ކަނޑުވާލާ ބިރުދެއްކުމަށް ހިންގި ވަރަށް ދަށު ދަރަޖައިގެ ޢަމަލެއް." އެކޯލިޝަނުން ބުންޏެވެ.
އަދި ޖުޑިޝަރީ ޙިސާރުކޮށް ސަރުކާރުގެ ޚުދުމުޚުތާރު ކަން މުޅި ސިސްޓަމްގެ ތެރެއަށް ބާނާލާފައިވާކަން ސާފުކޮށްދޭ ކަމަށާއި، މުޙައްމަދު އިސްމާޢީލް އާއި މި ކޯލިޝަންގެ އިސްސަފުގައި ޙަރަކާތްތެރިވާ އެންމެން ހައްޔަރު ކުރިއަސް އެ ކޯލިޝަނުން ކުރަމުންދާ ސުލްޙަވެރި އިޙްތިޖާޖުތައް ހުއްޓާނުލާ ކުރިއަށްދާނެކަމށާއި، މިސަރުކާރު ޖަވާބުދާރީކޮށް ރައްޔިތުންގެ އަޑު އިއްވުމަށްޓަކައި ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ދާނެކަމަށްވަނީ ބުނެފައެވެ.