ކ. ގުރައިދޫއަށް ކަރަންޓީނަށް އައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވުވެ އެމީހާއާއި ކުލޯސް ކޮންޓެކްޓުންގެ ގޮތުގައި ދެމީހަކު ތިބުމާއި ގުޅިގެން އެރަށް މޮނިޓަރިންނަށް ލައިފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ކުލޯސް ކޮންޓެކްޓުންގެ ތެރޭގައި ގުރައިދޫ ސްކޫލުގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރަކުވެސް ހިމެނެއެވެ.
މި ކޭސް އާއި ގުޅިގެން ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގުރައިދޫ މޮނިޓަރިންގެ ހާލަތަށް މިހާރު ލައިފައިވާއިރު މިކަމުގެ ލިޔުންވަނީ އެރަށު ކައުންސިލަށް ފޮނުވައިފައެވެ.
ގުރައިދޫ މޮނިޓަރިންނަށް ލައި އެޗްޕީއޭއިން ފޮނުވި އެންގުމުގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް އެރަށް މޮނިޓަރިންއަށް ލާފައިވާ ކަމަށާއި މިވަގުތު ރަށުގައި ތިބި އެއްވެސް މީހަކު އެޗްޕީއޭ އިން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެޗްޕީއޭގެ ހުއްދަ ނެތި އެ ރަށަށް އެރުމަކީ މަނާ ކަމެއް ކަމަށެވެ.
އުސޫލެއްގެ ގޮތުން ކަރަންޓީނުގައި ހުއްނަ މީހަކު އެނޫން މީހުންނާއި ބައްދަލުވެ އުޅުމަކީ މަނާކަމެކެވެ. ނަމަވެސް މިނޫން ގޮތްގޮތައް ކަންކަން ހިނގައި މީގެކުރިންވެސް ބަޔެއް ރައްރަށުގައި ބަލި ފެތުރިފައި ވެއެވެ.




