ސަރުކާރާ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުގެ ދަތުރުފުޅާ ދިމާކޮށް ކ.ގުރައިދޫގައި ޕީޕީއެމްގެ ސަޕޯޓަރުންނާއި އެމްޑީޕީގެ ސަޕޯޓަރުންނާއި ދެމެދު ބޮޑު ހަމަނުޖެހުމެއް ހިންގައިފިއެވެ.
މި ބޮޑު ހަމަނުޖެހުމުގައި ދެ މީހެއްގެ ބޯ ފަޅައިގެންގޮސް ބައެއް މީހުންނަށް އެހެނިހެން އަނިޔާލިބުނުއިރު، އެމްޑީޕީ ސަޕޯޓަރުން ޕީޕީއެމް ސަޕޯޓަރުން ގަޔަށް އަރައިގަތީ ގަސްތުގައި ކަމަށާއި، އެކަން ހުއްޓުވަން ފުލުހުން މަސައްކަތް ނުކުރާކަމަށް ތުހުމަތުކުރެވެއެވެ.
ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން ބައެއް މީޑިއާތަކަށް ވިދާޅުވެފައިވަނީ، އެމްޑީޕީ ސަޕޯޓަރުން އެ ހަމަނުޖެހުން ރާވަމުން އަންނަކަން ދުރާލައި ފުލުހުންނަށް އެނގޭ ކަމަށާއި، އެކަން ހުއްޓުވަން ފުލުހުން އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ވީޑއޯތަކުން ފެންނަގޮތުގައި ބޮޑެތި މާރާމާރީތަކެއް ހިނގިއިރު އެކަންކަން ހުއްޓުވަން ފުލުހުން އެއްވެސް ވަރަކަށް މަސައްކަތްކުރާތަން ނުފެނެއެވެ. އަދި ހަމައެއާއެކު މަދު ފުލުހުން ބައެއް ހަމަނުޖެހުންތައް ހުއްޓުވަން މަސައްކަތްކުރާއިރު މަންޒަރު ބަލަން ފުލުހުން ތިބޭ މަންޒަރުވެސް ފެނިގެންދެއެވެ.
ފުލުހުން ވިދާޅުވީ، ގުރައިދޫގައި ދެ ބައެއްގެ މެދުގައި މިއަދު ހިނގި ހަމަނުޖެހުމުގައި ބަޔަކަށް އަނިޔާވި ކަމަށާއި، މިކަމާއި ގުޅިގެން 22 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. އަދި މައްސަލަ ތަޙްޤީޤު ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އިދިކޮޅު ރިޔާސީ ކެންޑިޑޭޑް ޑރ. މުޙައްމަދު މުއިއްޒުގެ ކެމްޕޭން ޖަލްސާއެއް މިރޭ އެރަށުގައި އޮންނާނެއެވެ.



