މިހާތަނަށް އެންމެބޮޑު އާމްދަނީއެއް ލިބުނު އެނިމޭޓެޑް ފިލްމުގެ ރެކޯރޑް މުގުރާލައި، އޮސްކާރ އެވޯރޑް ހާސިލްކޮށްފައިވާ މަޝްހޫރު ކާރޓޫން ފްރޯޒެން ގެ ދެވަނަ ބައިކަމުގައިވާ ފްރޯޒެން 2 ގެ އޮފިޝިއަލް ޓްރެއިލާރ އާންމުންނަށް ދައްކައިލައިފިއެވެ.
ގިނަބަޔަކު އިންތިޒާރުކުރަމުން އަންނަ ފްރޯޒެން 2 ގެ ޓްރެއިލާއިން ނޭވާ ހިފަހައްޓާލަން ޖެހޭ ހިތްގައިމު މަންޒަރުތަކެއް ފެނިގެން ދެއެވެ.
2 މިނެޓަށް ދެމިގެންދިޔަ މި ޓްރެއިލާރ ވެސް ފެށިގެންދަނީ ފެބްރުއަރީ މަހު ނެރުނު ޓީޒާރ ވެސް ފެށިގެން ދިޔަ ގޮތަށެވެ. އެއީ ރޭގަނޑުގެ ވަގުތުގައި އެލްސާއަށް ލިބިފައިވާ އައިސް ބާރުގެ ބޭނުން ކޮށްގެން ކަނޑުގެ ބިޔަ ރާޅުތަކުތެރެއިން ދުވެފައި ދަނިކޮށް ކަނޑުގެ ތެރެއަށް ވެޓޭ މަންޒަރުންނެވެ.
ދެން އިވިގެންދަނީ ފްރޯޒެން 1 ގައި އެލްސާއަށް އެހީވެދިން ޕެބީ ގެ އަޑެވެ. " އެލްސާ، މާޒީގައި ކަން ހިނގައިފައި އޮތީ ހީކުރެވުނު ގޮތަކަށްނޫން. އެކަމުގެ ހަގީގަތް ޖެހޭނީ ހޯދަން" ޕެބީ ބުނެއެވެ. "ދުނިޔެއާއި އެކަށީގެން ނުވާފަދަ ގަދަ ބާރެއް އެލްސާއަށް ލިބިފައި ވެދާނެތީ އަބަދުވެސް އަހަރެމެން ބިރުގަތީ.. މިހާރު އަހަރެމެން އުންމީދުކުރަންވީ އެބާރަކީ އެކަށީގެންވާ ބާރެއްކަމަށް"
ޓްރެއިލާ ނިމިގެންދަނީ " އަހަރެން އެލްސާއަށް އެއްވެސް ކަމެއް ވިޔަކަ ނުދޭނަން" އާނާ ކުރާ މި ވަރުގަދަ ވައުދުންނެވެ.
ޓްރެއިލާރ ބަލާލުމުން މި ކާރޓޫން އެއްކޮށް ބަލައިލުމުގެ ޝައުގުވެރިކަން އިތުރުވެގެން ދެއެވެ. ފްރޯޒެންގެ ފުރަތަމަބަޔާއި އެއްގޮތަށް ދެވަނަބައިވެސް ބެލުންތެރިންގެ އުނމީދުތަކާއި އެއްގޮތަށް ފުރިހަމަ ވާނެކަމަށް ގަބޫލުކުރެވެއެވެ. ފްރޯޒެން 2 ރިލީޒް ކުރަން ހަމަޖެހިފައިވަނީ މިއަންނަ ނޮވެމްބަރ މަހުގެ 22 ވަނަ ދުވަހެވެ.




