ބަށިބޯޅަ މެޗެއްގެ މައްސަލާގައި ނިލަންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓަށް ފިޔަވަޅު އަޅައިފި

ގއ. ނިލަންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަބްދުލްމުހުސިން ޢަބްދުލްޙަކީމާ މެދު ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޢަބްދުލްމުހުސިން ޢަބްދުލްޙަކީމާ މެދު ފިޔަވަޅު އެޅުމަށް ޖޭއެސްސީ އިން ނިންމާފައި މިވަނީ 10 ފެބުރުވަރީ 2021 ވަނަ ދުވަހު ބޭއްވި އެކޮމިޝަންގެ މިއަހަރުގެ 11 ވަނަ ބައްދަލުވުމުގައެވެ.

ޢަބްދުލްމުހުސިން މައްޗަށް ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ، ގއ. އަތޮޅު ލީގް ޒަމާނީ ބަށިބޯޅަ މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް އިޢުލާން ކޮށްފައިވަނިކޮށް މި މުބާރާތް ކުރިއަށްދަނީ މުބާރާތުގެ ޤަވާއިދުތަކާ ޚިލާފަށް ކަމަށް ބުނެ ގއ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި، ވަގުތީ އަމުރެއްނެރެ މުބާރާތުގެ ފައިނަލް މެޗުގެ ކުޅުން ހުއްޓުވާފައިވާ މައްސަލާގައި، ގއ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2019/PMC/64 ޤަޟިއްޔާއަކީ އަވަހަށް ބަލައި ނިންމަންޖެހޭ މައްސަލައަކަށްވީހިނދު، އެ ޤަޟިއްޔާ ހިންގައި ނިންމުން އެކަށީގެންނުވާ މިންވަރަށް ލަސްކޮށް އެ ޤަޟިއްޔާ ހިންގުމުގައި ގއ.ނިލަންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަބްދުލްމުޙުސިން ޢަބްދުލްޙަކީމް ޢަމަލުކޮށްފައިވަނީ އެކަށީގެންނުވާ ގޮތަށް ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލާގައިއެވެ.

ޖޭއެސްސީ އިން ވިދާޅުވީ، މިމައްސަލާގައި ޒަމާނީ ބަށިބޯޅަ މުބާރާތުގެ 11 މެޗްގެ ތެރެއިން 10 މެޗްކުޅެވި ފައިނަލް މެޗާ ހަމައިން ވަގުތީ އަމުރެއްނެރެ ހުއްޓުވައި
2 މަހާ 26 ދުވަސް ބޭއްވުމަކީ އެތަކެއް ބައެއްގެ ވަގުތާއި ޚަރަދުތަކެއް އެކަމުގެ ސަބަބުން ބޭކާރުވެގެންދާނެ ކަމަށްވުމާއެކު، ފަނޑިޔާރުގެއާމެދު އާންމުންގެ އިތުބާރު ގެއްލިދާނެފަދަ ޢަމަލެއްކަމަށެވެ.

މިހެންކަމުން، އިސްމެޖިސްޓްރޭޓް ޢަބްދުލްމުޙުސިން ޢަބްދުލްޙަކީމްގެ މި ޢަމަލަކީ، ޤާނޫނު ނަންބަރު 14/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 7 ވަނަ މާއްދާއާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.2 އާއި، އާއި، 3.1 އާއި، 3.2 އަދި 6.4 ވަނަ ނަންބަރާ ޚިލާފަށް ކޮށްފައިވާ ޢަމަލެއްކަމަށްވާތީ، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 1-32 (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން، އިސްމެޖިސްޓްރޭޓް ޢަބްދުލްމުޙުސިން ޢަބްދުލްޙަކީމަށް
ނަޞޭޙަތްދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމަށް، އެކޮމިޝަނުން ވަނީ ނިންމާފައެވެ.

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ