މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހާޒިރުކޮށްފިއެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ދާދި ދެންމެ ވިދާޅުވީ، އަދީބު ކޮމިޝަނަށް ހާޒިރުކޮށް ދެ މައްސަލައެއްގައި ސުވާލުކޮށްފައިވާ ކަމަށެވެ.
"މި ކޮމިޝަނުން މިހާރު ވާނީ އަހުމަދު އަދީބު މި ކޮމިޝަނަށް ހާޟިރުކޮށް އެބޭފުޅާގެ ބަޔާން ނަގާފައި. ރިޟްވާން ގެއްލުމާއި އަދި އަފުރާޝީމްގެ މަރުގެ މައްސަލައިގައި މި ކޮމިޝަނުން އަހުމަދު އަދީބު އާއި ވާނީ ސުވާލު ކޮށްފައި." ކޮމިޝަނުން ވިދާޅުވިއެވެ.
ރިޔާސީ ކޮމިޝަނަށް ހާޒިރުކޮށް އަދީބުގެ ބަޔާން ނަގާފައިވާއިރު، ރިލްވާންގެ އާއިލާއިން ވަނީ ރިލްވާން ގެއްލުމުގައި އަދީބުގެ އަތެއް ވޭތޯ ބަލައިދިނުމަށް އެ ކޮމިޝަނުގައި އެދިފައެވެ.
މި ދެ މައްސަލައިގައި އަދީބުއާ ސުވާލުކޮށް ބަޔާން ނެގިކަން ހާމަކުރުމުގެ އިތުރުން އެ ކޮމިޝަނުން އަދި އަދީބުވެސް އިތުރު އެއްވެސް ކަމެއް ހިއްސާކުރައްވާފައެއް ނުވެއެވެ.
އަދީބު ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކުރިއިރު، މެޑިކަލް ބޯޑުން ލަފާދެއްވައިގެން ކަރެކްޝަންސް ސަރވިސް އިން ވަނީ އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިއުމުގެ ހުއްދަވެސް ދެއްވާފައެވެ.
އަދީބުގެ މައްޗަށް ތިން މައްސަލައެއްގައި އިއްވާފައިވާ 33 އަހަރުގެ ޖަލު ހުކުމްވެސް ކޯޓުތަކުން ބާޠިލް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.



