ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމުގައިވާ ޝްރައްދާ ކަޕޫރްއާއި ރަންބީރު ކަޕޫރު ފުރަތަމަ ފަހަރަށް އެކުގައި ފެނިގެންދާނެ ފިލްމް އިއުލާންކޮށްފިއެވެ.
މި ދެމީހުން ފުރަތަމަ ފަހަރަށް އެކުގައި ފެނިގެންދާ މި ފިލްމްގެ ޑައިރެކްޓަރަކީ، ލަވް ރާންޖަން އެވެ.
މި ފިލްމްގެ މައުލޫމާތު ހާމަކުރީ ކްރިޓިކް އެނަލިސްޓް ތަރަން އަދާޝް ކުރި ޓްވީޓެއްގައެވެ. ނަމެއް އަދި ހާމަކޮށްފައި ނުވާ މި ފިލްމްގެ ރިލީޒް ކުރާ ތާރީހަކީ، އަންނަ އަހަރުގެ މާޗު 18 ގައި ކަމަށް އޭނާ ބުނެފައިވެއެވެ.
ރަންބީރު އާއި ޝްރައްދާގެ އިތުރުން މި ފިލްމްގެ ކާސްޓުގައި ޑިމްޕަލް ކަޕާޑިއާ އާއި ބޯނީ ކަޕޫރު ވެސް ހިމެނެއެވެ. އެގޮތުން މި ފިލްމްގައި ޑިމްޕަލް އާއި ބޯނީ އަދާކުރާނީ ރަންބީރުގެ މައިބަފައިންގެ ރޯލު ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ބޮލީވުޑްގެ މަސައްކަތްތަކުގެ ތެރެއިން ރަންބީރު އެންމެ ފަހުން ފެނިގެންގޮސްފައިވަނީ ސަންޖޭ ދަތްގެ ބަޔޯ ޕިކް، "ސަންޖޫ" އިންނެވެ. އަދި ޝަރައްދާ އެންމެ ފަހުން ފެނިގެންގޮސްފައިވަނީ "ބާގީ" ގެ ތިންވަނަ ބައިންނެވެ.




