އިންޑިއާގައި ކޮވިޑް-19 ވެކްސިން ދިނުމުގެ ކެމްޕެއިންގެ ދަށުން މިހާތަނަށް ދިހަ މިލިއަނަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފިއެވެ.
އިންޑީއާގެ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއާގެ ތަފާސް ހިސާބުތައް ދައްކާގޮތުން، އިންޑިއާގައި މިހާތަނަށް 10،1،88،007 މީހުންނަށް ކޮވިޑް-19 ގެ ވެކްސިން ވަނީ ދެވިފައެވެ.
މިއަހަރު ޖެނުވަރީ 16 ގައި އިންޑިއާގައި ކޮވިޑް-19 ގެ ވެކްސިން ދޭން ފެށިއިރު، އިންޑިއާ ސަރުކާރުގެ އަމާޒަކީ، މި އަހަރުގެ އޮގްސްޓް މަހާ ހަމައަށް 30 ކްރޯޑް ނުވަތަ 300 މިލިއަން މީހުންނަށް އިންޑިއާގައި ކޮވިޑް ވެކްސިން ދިނުމެވެ.
މިހާތަނަށް އެންމެ ގިނަ އަދަދަކަށް ކޮވިޑް ވެކްސިން ދިން ގައުމުތަކުގެ ތެރެއިން އިންޑިއާ އޮތީ ދުނިޔޭގެ ރޭންކިންގެ ތިންވަނައިގައެވެ.
މި ރޭންކިންގެ 1 ވަނައިގައި އޮތީ އެމެރިކާއެވެ. އެގޮތުން އެމެރިކާއިން މިހާތަނަށް ކޮވިޑް ވެކްސިންގެ 55.2 މިލިއަން ޑޮޒް ދީފައިވެއެވެ. އަދި ދެވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. އިނގިރޭސިވިލާތުން މިހާތަނަށް 16.12 މިލިއަން ކޮވިޑް ވެކްސިން ޑޯޒް ދީފައިވެއެވެ.
ކޮވިޑް-19 ގެ ވެކްސިން އިންޑީއާގައި ދޭން ފެށިތާ އިއްޔެއަށް އެވީ 32 ދުވަހެވެ. އަދި އެމެރިކާ އާއި އިނގިރޭސިވިލާތުގައި ކޮވިޑް ވެކްސިން ދޭންފެށިތާ 60 ދުވަސް މިހާރު ވަނީ ފުރިހަމަކޮށްފައެވެ.