ފްލެޓްތައް ވިއްކި ވާހަކަ އެމްޕީއެލް އިން ދޮގުކޮށްފި

ހިޔާ މަޝްރޫއުގައި އެޅި ފެލްޓްތަކެއް ވިޔަފާރި އުސޫލުން ވިއްކި ކަމަށް ބުނެ ދިވެހި މީޑިއާއެއްގައި ލިޔެފައިވާ މައުލޫމާތު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދޮގުކޮށްފިއެވެ.

އެމްޕީއެލް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، ހިޔާ މަޝްރޫއުގެ ދަށުން އެ ކުންފުނިން ޢިމާރާތްކުރަމުންދާ އެއް ކޮޓަރީގެ 204 ފްލެޓު ވިޔަފާރި އުސޫލުން ވިއްކާލާފައިވާ ކަމަށް ބުނެ ވޮއިސް ނޫހުގައި 19 ފެބްރުއަރީ 2021 ވަނަ ދުވަހު އެ ކުންފުނީގެ މުވައްޒަފަކާ ހަވާލާދީ ކަމަށް ބުނެ ލިޔެފައިވާ ރިޕޯޓަކީ ހަޤީޤަތް އޮޅޭގޮތަށް ލިޔެފައިވާ ޚަބަރެއްކަމަށެވެ.

މީޑިއާ އަށް މައުލޫމާތު ދިނުމަށް މި ކުންފުނިން ކަނޑައަޅާފައިވާ އޮފިޝަލެއް، ކަން ހިނގާފައިވާގޮތާ ޚިލާފު މިފަދަ މަޢުލޫމާތެއް އެއްވެސް ފަރާތަކަށް ދީފައި ނުވާނެ ކަމުގެ ޔަގީންކަން ކުންފުނިން އަރުވާކަމަށް އެމްޕީއެލް އިން ވިދާޅުވިއެވެ.

"ދިވެހި ރައްޔިތުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން އުފެދޭ ގޮތަށް ކަމުގެ ހަގީގަތް ނުހޯދާ މިފަދަ ހަބަރެއް ލިޔެފައިވާތީ އެކަން މި ކުންފުނިން
ކުށްވެރި ކުރަމެވެ. އަދި މިފަދަ ޚަބަރުތައް ޒިންމާދާރުކަމާއެކު އާއްމުންނާއި ހިސާބަށް ފޯރުކޮށްދިނުމަށް މި ކުންފުނިން އިލްތިމާސްކުރަމެވެ." އެމްޕީއެލް އިން ނެރުނު ނޫސް ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ހަޤީޤަތާ ޚިލާފު މަޢުލޫމާތު ތަކެއް އެ ކުންފުންޏާ ގުޅުވައިގެން ފެތުރި މައްސަލައިގައި ވޮއިސް ނޫހުގެ މައްޗަށް ފިޔަވަޅު އަޅައި
ދިނުމަށް އެދި އެ ކުންފުނީގެ ފަރާތުން މީޑިއާ ކައުންސިލް އަށް މައްސަލަ ހުށައަޅާނެ ކަމަށް އެމްޕީއެލް އިން ވިދާޅުވިއެވެ.

އެމްޕީއެލް އިން އިތުރަށް ވިދާޅުީ، އެ ކުންފުނިން ޢިމާރާތް ކުރަމުންދާ ފުލެޓް ތަކަކީ އެ ކުންފުނީގެ މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލު ހޯދައި ދިނުމަށް ޢިމާރާތް ކުރަމުންދާ ފުލެޓްތަކެއްކަމަށެވެ. އަދި މި ފްލެޓްތައް ގަތުމުގެ ފުރުސަތު ދެވޭނީ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ފުލެޓަށް ކުރިމަތިލާ ފަރާތްތަކުގެތެރެއިން ކަނޑައެޅިފައިވާ އުޞޫލުން އެންމެ ގިނަ ޕޮއިންޓް ލިބޭ މުވައްޒަފުންގެ ތަރުތީބުން ކަމަށެވެ.

 

މިލިޔުން ކިޔާލުމުން
111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ