ފެންނަމުންދާ ކޮވިޑް-19 ގެ އާ ބާވަތްތައް ނުވަތަ މިއުޓޭޝަންސްގެ ސަބަބުން 2021 ވަނަ އަހަރުވެސް ދިރިއުޅުން އާންމު ހާލަތަކަށް ރުޖޫޢަ ނުދެވާނެ ކަމަށް އެމެރިކާގެ ރައީސް ބައިޑެން ބުނެފިއެވެ.
މިޗިގަންގެ ޕޯރޓޭޖް ސިޓީގައި ހުންނަ ފައިޒާ ވެކްސިން ފެކްޓްރީއެއްގައި ވާހަކަ ދައްކަމުން ބައިޑެން ބުނީ،ކޮވިޑް-19 ގެ އާ ވައްތަރުތަކުގެ ސބަބުން އަދި ވެކްސިން އުފެއްދޭ ދުވެލި ލަސްވުމުގެ ސަބަބުން މި ބަލިމަޑުކަމުގެ ޕެންޑެމިކްގެ ދުވަސްތައް އިތުރުވެ، އިގްތިސާދަށް އަސަރުކުރާނެކަމަށެވެ.
ބަލި ޖެހޭ މީހުންގެ އަދަދު ދަށަށް ގޮސް އަދި ހައި ރިސްކްގެ ގިނަ ބަޔަކަށް ވެކްސިން ދެވުމުގެ ސަބަބުން، ދިރިއުޅުން އާންމު ހާލަތަކަށް އައުމުގެ އުއްމީދާއި ބެހޭގޮތުން ބައިޑެން ވަނީ ވާހަކަދައްކާފައެވެ.
ނަމަވެސް ބައިޑެން ބުނީ، ދިރިއުޅުން އާންމު ހާލަތަކަށް އައިސްދާނެ ކަމުގެ އުއްމީދު އަދި ދެވެން ނެތް ކަމަށާއި، ނަމަވެސް ވެކްސިން އުފެއްދޭ މިންވަރަށް ބަލާއިރު ހާލަތު ބަދަލުވާނެ ގޮތް ބުނަން ނޭނގޭ ކަމަށެވެ.
އެމެރިކާގައި މިހާތަނަށް 60 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 ގެ ވެކްސިން ޖަހާފައިވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ.



