ރަޝިއާއިން ބޯހިޔާވަހިކަން ނެތް ފަރާތްތަކަށް ކޮވިޑް-19ގެ ވެކްސިން ދިނުމުގެ މަސައްކަތް ފަށައިފިއެވެ.
ބޯހިޔާވެހިކަން ނެތް ފަރާތްތަކަށް ކޮވިޑް ވެކްސިން ދިނުމުގެ މަސައްކަތުގައި އިސްނަގައިގެން އުޅެނީ ޗެރިޓީ ހިދުމަތް ފޯރުކޮށްދޭ އެން.ޖީ.އޯ އަކުންނެވެ.
އެން.ޖީ.އޯ، "ނޮކްލެޒްކާ" އިން މިދިޔަ އާދިއްތަ ދުވަހު، ރަޝިއާގެ ސެއިންޓް ޕީޓަރސްބާރގް ގެ ސިޓީގައި އުޅޭ ބޯހިޔާވަހިކަން ނެތް 40 ފަރާތަކަށް ކޮވިޑް-9 ގެ ވެކްސިން ދީފައިވެއެވެ.
އެ އެންޖީއޯ ގައި މަސައްކަތްކުރާ ފަރާތަކުން ބުނީ، ބޯހިޔާވެހިކަން ނެތް މީހުންގެ ތެރޭގައިވެސް ބަލި ޖެހުމަށް ހައި ރިސްކްގެ މީހުން އުޅޭ ކަމަށެވެ. އެހެންކަމުން އެމީހުންނަށް ވެކްސިން ދިނުމަކީވެސް މުހިއްމުކަމެއް ކަމަށެވެ.
ބޯހިޔާވަހިކަން ނެތް މީހުންގެ ތެރެއިން، ވެކްސިން ދީފައިވާ 40 މީހުން މިހާރު ހުރީ އެންޖޯއޯގެ ބެލުމުގެ ދަށުގައެވެ.
ރަސްމީ ތަފާސްހިސާބްތަކުން ދައްކާގޮތުގައި، ރަޝިޔާގެ ކުރީގެ ކެޕިޓަލް ސިޓީ، ސެއިންޓް ޕީޓަރސްބާރގައި ބޯހިޔާވަހިކަމެއް ނެތި 15000 މީހުން ދިރިއުޅެއެވެ.
މިދިޔަ އަހަރުގެ އޯގަސްޓު މަހު ރަޝިއާގައި ފުރަތަމަ ޖަހަން ރެޖިސްޓރީކޮށްފައިވާ ވެކްސިން އަކީ، "ސްޕަޓްނިކް ވީ" އެވެ. އެއަށްފަހުން، އެ ގައުމުން އުފެއްދި "އީޕީވެކްކޮރޯނާ" ޖެހުމަށް އެޕްރޫކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު، ތިންވަނަ ކޮވިޑް ވެކްސިން، "ކޮވިވެކް" ރެޖިސްޓްރީ ކޮށްފައިވާކަން ރަޝިޔާއިން ވަނީ އިއުލާންކޮށްފައެވެ.
ރަޝިޔާގައި މިހާތަނަށް 4.6 މިލިއަން މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ. އަދި މި ބަލީގައި އަށްޑިހަ ހާހަށްވުރެ ގިނަ މީހުން ރަޝިއާއިން ވަނީ މަރުވެފައެވެ.