މައްސަލައަކީ ޑޮކްޔާޑެއް އެޅުން ނޫން ކަމަށާއި، މައްސަލައަކީ އެހެން ޤައުމެއްގެ އަސްކަރީ ބާރެެއް ދިގުމުއްދަތަކަށް މި ޤައުމުގައި ބެހެއްޓުން ކަމުގައި ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވެފައި މިވަނީ އުތުރުތިލަފަޅުގައި ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރުމަށް އަވައްޓެރި އިންޑިއާއާއި އެކު ދިވެހިރާއްޖެއިން އެއްބަސްވުމުގައި ސޮއިކުރުމާއި ގުޅިގެންނެވެ.
މި އެއްބަސް ވުމަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމިން 2016 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރި ޑިފެންސް އެކްޝަން ޕްލޭންގެ ދަށުން އެކުލަވާލާފައިވާ އެއްބަސްވުމެކެވެ.
މިކަމާއި ގުޅިގެން ޝިޔާމް ވިދާޅުވެފައި ވަނީ މައްސަލައަކީ ބޭރުގެ އެހީތެރިކަން ހޮދައިގެން ޑޮކްޔާޑެއް ހެދުން ނޫންކަމަށާއި، މައްސަލައަކީ އެހެން ޤައުމެއްގެ އަސްކަރީ ބާރެއް މި ދިވެހި ފަސްގަނޑުގައި ދިގު މުއްދަތަކަށް ބޭތިއްބުމަށް ވެވޭ އަޑިނޭނގޭ އެއްބަސްވުންތައްކަމަށެވެ.
"ޤައުމުގެ މީސްކޮޅު މަދުވެފައި ކިތަންމެ ކުޑަޔަސް މީ މިނިވަން މުސްތަޤިއްލު ޤައުމެއް" ޝިޔާމް ވިދާޅުވެފައިވެއެވެ.
ޝިޔާމް މިހެން ވިދާޅުވެފައި ވާއިރު، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ މައްސަލައަކީ އުތުރު ތިލަފަޅުގައި ޑޮކްޔާޑެއް ހެދުން ނޫން ކަމަށާއި، މައްސަލައަކީ އެތަނުގައި ޑޮކްޔާޑު ހަދަން އިންޑިއާ ސަރުކާރާއެކު ވީ އެއްބަސްވުން ސިއްރު ކުރުން ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ރާއްޖޭގައި ބޭރުގެ އަސްކަރީ މަރުކަޒެއް ކޮންމެހެންވެސް ހުންނަން ޖެހޭ ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު ވަނީ ވިދާޅުވެފައެވެ.




