ކުޅުދުއްފުށި ސިޓީގައި ދަމަނަވެއްޓެއް ޤާއިމުކުރުމަށް ނިންމާފައިވާކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަޞީމް ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓަރ މިހެން ވިދާޅުވީ، ވެރިކަންކުރާ މައި ޕާޓީ، އެމް.ޑީ.ޕީން ކުރިއަށްގެންދާ ރަށްވެހި ފަތިސް ކެނޑިޑޭޓުންނާއި ކެމްޕޭން ޓީމުތަކާއެކު ބާއްވާ ސިލްސިލާ ބައްދަލުވުމުގައި ވަރޗުއަލްކޮށް ބައިވެރިވެވަޑައިގެން ރޭ ދެއްކެވި ވާހަކަފުޅުގައެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާއެކު "ރަށްވެހި ފަތިސް"ގެ ނަމުގައި ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ހދ. އަތޮޅާއި ކުޅުދުއްފުށީ ސިޓީގެ ކެނޑިޑޭޓުންނާއި މަންދޫބުންނާއި ބައްދަލުކުރައްވާ ހެލްތު މިނިސްޓަރ އަޙްމަދު ނަޞީމް ވަނީ ޞިއްޙީ ދާއިރާއިން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި ހދ. އަތޮޅުގެ ރަށްތަކާއި ކުޅުދުއްފުށީ ސިޓީގައި ކުރިއަށްގެންދަން ނިންމާފައިވާ ބައެއް މަޝްރޫޢުތަކާގުޅޭގޮތުންވެސް މިނިސްޓަރ ވާހަކަދެއްކެވިއެވެ.
އެގޮތުން ބޮޑުތިލަދުންމަތީގެ ރައްޔިތުން ޞިއްޙީ ޙިދުމަތް ހޯދުމަށް އެންމެ ބޮޑަށް ބަރޯސާވަނީ ކުޅުދުއްފުށީސިޓީއަށްކަމަށްވާއިރު، ކުޅުދުއްފުށީގައި ޕްރިވެންޓިވް ކެއަރގެ ކަންކަން މިހާރަށްވުރެ ހަރުދަނާކުރުމަށް ދަމަނަވެއްޓެއް ޤާއިމުކުރުމަށް ނިންމާފައިވާކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.
އަދި ތިލަދުންމަތީގައި އެކަހެރިކޮށް ހުރި ރަށްރަށަށް ޑޮކްޓަރުންނާއި ނަރުހުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގައި ކުރަން ހުރި ކުދިކުދި މަރާމާތުތައް، ބަޖެޓުގައި ނެތްނަމަވެސް، އެކަންކަން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރ ނަޞީމް ވިދާޅުވިއެވެ.
"އެކަހެރިކޮށް ހުރި ރަށްރަށަށް ޑޮކްޓަރުންނާއި، ޕީޑިއަޓްރިޝަނުންނާއި، އަންހެނުންގެ ޚާއްސަ ޑޮކްޓަރުން ހަމަޖެއްސޭނެ. މީގެ ތެރޭގައި ހިމެނޭނެ މަކުނުދޫ މި ދާއިރާގެ. އެހެންވީމަ މަކުނުދޫއަށް ވަރަށް ޚާއްސަކަމެއްދީގެން މިބަލަނީ. ކުޅުދުއްފުށީ ސިޓީގައި ޕްރިވެންޓިވް ކެއަރގެ ކަންކަން ހަރުދަނާކުރުމަށް މާލޭ ސިޓީއެކޭ އެއްގޮތަށް ކުޅުދުއްފުށީގައި ދަމަނަވެއްޓެއް އަޅުގަނޑުމެން ޤާއިމުކުރާނަން. ކުމުންދޫގެ ޕޯޓިކޯ މަރާމާތުކުރުންފަދަ ކުދިކުދި ކަންތައްތައް ބަޖެޓުގައި ނެތްނަމަވެސް އެކަންތައްތައް ކުރެވޭނެ އިންތިޒާމްތަކެއް އަޅުގަނޑުމެން ވާނީ ހަމަޖައްސާފައި. އިރާދަކުރެއްވިއްޔާ ޖޫންގެ ނިޔަލަށް އެކަންތައްތައް ކޮށްދޭނަން" މިނިސްޓަރ ނަޞީމް ވިދާޅުވިއެވެ.