އަދުގެ ސަރުކާރުން ބޮޑުތިލަދުންމަތީގެ ތަރައްޤީގެ ނާރެސް، ކުޅުދުއްފުށި ސިޓީއަށް އިހުމާލުވެފައިވާކަމަށް ކުޅުދުއްފުށީ ޕީޕީއެމް ދެކުނު ދާއިރާގެ ނައިބު ރައީސް މުހައްމަދު އަހުމަދު (ޖިހާދޭ) ވިދާޅުވެއްޖެއެވެ.
ޖިހާދޭ މިހެން ވިދާޅުވީ، ރޭ އެރަށުގައި ބޭއްވި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޖިހާދޭ ވިދާޅުވީ، މި ސަރުކާރު ފެއިލްވެފައިވާ ކަމަށާއި، އެކަމުގެ އަލިގަދަ ހެއްކަކަށް ކުޅުދުއްފުށި ސިޓީއަށްވީ އިހުމާލު ފުދޭކަމަށެވެ.
"ހިތާމައާއެކު ދަންނަވަން ބޭނުންވާ ވާހަކައަކީ މި ސަރުކާރު ހަމަ ރަނގަޅަށްވެސް ފެއިލްވެއްޖެއޭ. މިކަމުގެ އެންމެ އަލިގަދަ ހެއްކަނީ މި ކުޅުދުއްފުށި ސިޓީގެ ސުޕަ މެޖޯރިޓީ. 7 ކައުންސިލަރުންނާއި 2 ދާއިރާގެ މަޖިލިސް މެންބަރުން އެމްޑީޕީއަށް ދިނީމާ މި ރަށަށްވީ އިހުމާލު އަޅުގަނޑުމެންގެ ހިތަކުން ފިލައިގެން ނުދާނެ. އެބޭފުޅުންނަށްވެސް އެކަން ޤަބޫލުނުކުރެވިގެން މިއަދު އެތިއްބެވީ ޕާޓީ ބަދަލުކުރައްވައިގެން. މީގެން އެނގިގެންދަނީ މި ސަރުކާރު ފެއިލްވެއްޖެކަން، މި ސަރުކާރު މި ބޮޑު އާބާދީއަށް އިހުމާލެވެއްޖެކަން." ޖިހާދޭ ވިދާޅުވިއެވެ.
ގިނަ ބަޔަކު ބައިވެރިވި މި ޖަލްސާގައި ކުޅުދުއްފުށި ރައްޔިތުންނާ މުހާޠަބުކޮށް ޖިހާދޭ ވިދާޅުވީ، މި ސަރުކާރަކީ އެ ސިޓީގެ ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖައްސައިދޭނެކަމަށް ވައުދުވެގެން އައި ސަރުކާރެއް ސަރުކާރެއް ކަމަށާއި، އެހެންނަމަވެސް ފެނިގެންދިޔައީ އުއްމީދުތަކުގައި ކޮޅުފައިންޖެހިތަން ކަމަށެވެ.
ސަރުކާރުން ކުޅުދުއްފުށީގައި ހިންގާ މަޝްރޫއުތަކުގެ ދުވެއްޔާއި ކުރާ ގޮތަށްވެސް ޖިހާދޭ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވ 4 އަހަރުވީއިރު މަގެއް ނުހެދުނު ކަމަށާއި، ތާރު ނުފެނުނު ކަމަށާއި، މަގުތަކަށް ބަލާލީމާ ހީވަނީ އެންމެ ގިނައިން ވެލާ އަރާ، ފަސްފުނި ޖަހާ ރަށަކީ އެރަށްހެން ކަމަށެވެ. އަދި ނަމަވެސް ވޯޓަށް ޖަހާ ކަޑައެއްހެން ތާރު އަޅަން އުޅޭކަމަށާއި، އެހެން އެކަން ކުރިޔަސް ބަލައިނުގަންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
"ޓާޝިއަރީ ހޮސްޕިޓަލްގެ ވައުދަކީ މިރަށަށްވީ އެންމެ ބޮޑު ވައުދު. މި ބޮޑު ތިލަދުންމައްޗަށްވީ ވައުދެއް އެއީ. އަޅުގަނޑުމެން ބޮޑުތިލަދުންމަތީގެ ރައްޔިތުންގެ ވިންދާއި ގުޅިފައި އޮތް ވައުދެއް އެއީ. ޓާޝިއަރީ ހޮސްޕިޓަލް ނުފެނުނު. ލޮލަކަށް ނުފެނުނު އެވައުދެއް." މި ވައުދު ފުއްދުމުގައި ސަރުކާރު ފެއިލްވެފައިވާކަމަށް ޖިހާދޭ ވިދާޅުވިއެވެ.
މިސްކިތްތައް އޭސީ ކުރުމުގެ ވައުދު ނުފުއްދުނު ކަމަށާއި، އޭސީ ކޮށްފައި ހުރި މިސްކިތްތަކުގައިވެސް އޭސީ ބޭނުން ނުކުރެވޭކަމަށް ޖިހާދޭ ވިދާޅުވިއެވެ. އަދި ކުޅުދުއްފުށި ސަރަހައްދީ ބަނދަރު ތަރައްޤީ ކުރާނެވާހަކަ އެކިއެކި އިންތިޚާބުތަކާ ދިމާކޮށް ދެއްކިޔަސް އެކަންވެސް ނުވާކަމަށާއި، ރަށު ބަނދަރުވެސް ނިންމަންޖެހޭގޮތަށް ނުނިމުނުއިރު މުޅި ކުޅުދުއްފުއްޓަށް އިހުމާލުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ކުރީގެ ރައީސް ޖަލުގައި އޮންނަތާ 1000 ދުވަސްވީއިރު، ރުހިގެން މަޑުން ނުތިބެވޭނެކަމަށާއި، މިހާރުން މިހާރަށް ރައީސް ޔާމީން މިނިވަންކޮށް ދޫކޮށްލުމަށްވެސް ޖިހާދޭ ވަނީ ގޮވާލައްވާފައެވެ.