ބޮޑެތި ބަލިތަކުގައި މާލެ ދާން ނުޖެހޭ ފެންވަރަށް ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްޤީކުރާނަން: މުއިއްޒު

ބޮޑެތި ބަލިތަކުގައި ބޭސްފަރުވާއަށް މާލެ ދާން ނުޖެހޭ ފެންވަރަށް ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްޤީކުރައްވާނެކަމަށް ޕްރޮގްރެސިވް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.

މުއިއްޒު މިހެން ވިދާޅުވީ، މިރޭ ކުޅުދުއްފުށީގައި ބޭއްވި އެ ކޯލިޝަނުގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ، މި ސިޓީއަކީ ހަމައެކަނި ކުޅުދުއްފުށީގެ ރައްޔިތުން އެކަނި ބޭނުންކުރާ މަންޒިލެއް ނޫން ކަމަށާއި، ހދ އަތޮޅުގެ ރައްޔިތުންވެސް ޚިދުމަތް ހޯދަން އަންނަ މަންޒިލެއްގެ އިތުރުން މިއީ މުޅި ބޮޑުތިލަދުންމަތީގެ ހުރިހާ ރައްޔިތުން ޚިދުމަތް އެކި ފެންވަރަށް ހޯދާ ސިޓއެއް ކަމަށެވެ. އެހެންކަމުން ކުޅުދުއްފުށި ސިޓީއަކީ ސަރަހައްދީ ތަރައްޤީގެ މުހިންމު ނާރެހެއް ކަމަށާއި، މި ސިޓީއަށް އަންނަ ތަރައްޤީއަކީ އެތަކެއްހާސް ރައްޔިތުންނަކަށް ލިބޭ ތަރައްޤީއެއް ކަމަށެވެ.

"ހޮސްޕިޓަލަކީ އަޅުގަނޑު ހިތުން ވަރަށް ވަރަށް މުހިންމު މަޝްރޫއެއް ރަނގަޅު ފެންވަރެއްގައި ކުރިއަށްދާން. އާދެ، އަޅިގަނޑު ޤަބޫލުކުރާ ގޮތަކީ ކުޅުދުއްފުށީގައި ހުންނަންޖެހޭ ހޮސްޕިޓަލަކީ އެ ހޮސްޕިޓަލަކުން ހުރިހާ ބަލިތަކެއްގެ އާދެ، ފުއްޕާމޭ، ކިޑްނީ، ސިކުނޑީގެ ބަލިތައް، ހިތުގެ ބަލިތައް، މިހެން ކިޔާނެކަމެއްނެތް، ހުރިހާ ބަލިތަކަކަށް ފަރުވާލިބޭ، މާލެއަށް ބަރޯސާނުވެ، މި ސިޓީގައި އެ ހުރިހާ ބަލިތަކަކަށް ފަރުވާދެވޭ ފެންވަރުގެ ހޮސްޕިޓަލެއް މިތަނުގައި ހުންނަންޖެހޭނެކަމަށް. އެހެންވީމާ، އަޅުގަނޑުމެންގެ ސަރުކާރެއްގައި މި ސިޓީގެ ރައްޔިތުން އަޅުގަނޑުމެންނަށް އިތުބާރުކުރައްވައި އެ ފުރުޞަތު ދެއްވައިފިނަމަ މިސިޓީގައި ޤާއިމުކުރެވޭ ހޮސްޕިޓަލަކީ މިދެންނެވިގޮތަށް ހުރިހާ ބޮޑެތި ބަލިތަކުގައި ފަރުވާ ލިބޭ ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޤާއިމުކޮށްދޭނަން." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ކެތްލެބް ހިމެނޭގޮތަށް  ޔޫރަޕާއި އެކި ޤައުމުތަކުގެ އެކި ފެންވަރުގެ ކްލިނިކްތައް އެންޕެނަލްކުރެވިފައިހުންނަ ރަނގަޅު ފެންވަރުގެ ހޮސްޕިޓަލަކަށް އެ ހޮސްޕިޓަލް ހެދުމަކީ އެމަނިކުފާނުގެ އުއްމީދެއް ކަމަށާއި، އެ ހޮސްޕިޓަލްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ވީހާވެސް ގިނަ މުވައްޒަފުންނަކީ މި ސިޓީއަށް ނިސްބަތްވާ، ނުވަތަ ބޮޑުތިލަދުންމައްޗަށް ނިސްބަތްވާ ދިވެހި ރައްޔިތުންނަށް ވުމަކީ ވަޒީފާ އިތުރުކުރުމުގައި ގެންގުޅޭ ސިޔާސަތުގެ ތެރެއިން މި ސިޓީގެ ރައްޔިތުންނަށް ވަރަށްވެސް ބޮޑު ކުރިއެރުމެއް ލިބޭނެކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެންގެ ސިޔާސަތަކަށްވާނީ، އެގޮތުގެ މަތިން ވަޒީފާ އެންމެންނަށް ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން މި ސިޓީގެ ގިނަ ރައްޔިތުންނަށް ވަޒީފާ ލިބޭ ތަނަކަށް، އެ ޤާއިމުކުރެވިގެންދާ ހޮސްޕިޓަލް ހެދިގެންދިއުން." މުއިއްޒު ވިދާޅުވިއެވެ.

 

ޕްރިވެންޓިވް ހެލްތުކެއަރ އަށް ވަރަށް ހާއްޞަ އިސްކަމެއްދޭ ސަރުކާރަކަށް ޕްރޮގްރެސިވް ކޯލިޝަނުގެ ސަރުކާރެއް ވެގެންދާނެކަމަށާއި، ބަލިތައް ޖެހުމުގެ ކުރިން ބަލިތައް ޖެހުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

"މި ސިޓީގައިވެސް ޕްރައިމެރީ ހެލްތުކެއަރ އަށް ހާއްޞަކޮށްގެން މާލޭގައި ގޮތަށް ދަމަނަވެށި ގޮތަށް ދަމަނަވެއްޓެއް މިތަނުގައި އިމާރާތްކޮށް، 24 ގަޑިއިރު ޚިދުމަތްދޭނަން." ސަރުކާރުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ގެންގުޅޭ ވިސްނުން ހާމަކުރައްވަމުން މުއިއްޒު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ