ކޮވިޑް-19ގެ ވެކްސިން ހުރިހާ ގައުމަކަށްވެސް ފޯރުކޮށްދިނުމުގެ މަގުސަދުގައި ފަށައިފައިވާ ކޮވެކްސް ފެސިލިޓީގެ ދަށުން އެންމެ ފުރަތަމަ ވެކްސިން ފޯރުކޮށްދިން ގައުމަކަށް ގާނާވެއްޖެއެވެ.
ގާނާގެ ވެރިރަށް އަކްރާ އަށް މިއަދު ކޮވިޑް-19 ވެކްސިންގެ 600،000 ޑޯޒް ފޮނުވައިފައިވާއިރު މި ފޮނުވި ވެކްސިނަކީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިންގެ ފޯމިއުލާ ބޭނުންކޮށްގެން ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ތައްޔާރުކޮށްފައިވާ ވެކްސިނެވެ.
ގާނާގައި މިއަންނަ ހަފްތާގައި މި ވެކްސިން ދޭން ފެށުމަށް ހަމަޖެހިފައިވާއިރު އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ސިއްހީ މަސައްކަތްތެރީންނަށެވެ. އެއަށްފަހު އުމުރުން 60 އަހަރުން މަތީގެ މީހުންނަށާއި، އަދި ކޮވިޑް-19ގެ ނުރައްކާ ބޮޑު މީހުންނަށް ދިނުމަށްވަނީ ހަމަޖެހިފައެވެ.
ކޮވެކްސް ފެސިލިޓީއަކީ ޑަބްލިޔުއެޗްއޯ އާއި ވެކްސިން އެލަޔަންސްތައް ކަމަށްވާ ގަވީ އާއި ސެޕީއިން ގުޅިގެން އުފައްދާފައިވާ ފެސިލިޓީއެކެވެ. މި ފެސިލިޓީގެ މަގުސަދަކީ ވެކްސިން މުޅި ދުނިޔޭގެ ހުރިހާ ގައުމަކަށް ފޯރުކޮށްދިނުމެވެ. މިގޮތުން މި ފެސިލިޓީގެ ދަށުން އެންމެ ބޮޑު އިސްކަމެއްދޭނީ ފަގީރު ގައުމުތަކަށެވެ.
ކޮވެކްސް ފެސިލިޓީގެ ދަށުން މަސައްކަތްކުރަމުންދަނީ މިއަހަރު ނިމުމުގެ ކުރިން ދެބިލިއަން ޑޯޒްގެ ކޮވިޑް-19 ވެކްސިން ދުނިޔޭގެ އެކިހިސާބުތަކަށް ފޯރުކޮށްދިނުމަށެވެ.