ލޮކްޑައުންނުވެ ޤައުމު ސަލާމަތް ކުރުމަށްޓަކައި ހަރުކަށި ފިޔަވަޅުތަކެއް ވީއެންމެ އަވަހަކަށް އަޅަންޖެހޭކަމުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެ މިނިސްޓްރީން މިވަގުތަށް ވިޔަފާރިތައް އިންސްޕެކްޓް ކުރުން ހުއްޓާލަނީ ކަމަށާއި ނަމަވެސް ހުރިހާ ވިޔަފާރި ތަކަކުންނާއި އާންމު ރައްޔިތުން އެޗްޕީއޭގެ ގައިޑަލައިންތަކާއި އެއްގޮތަށް އަމަލު ކުރަންޖެހޭ ކަމަށެވެ.
މިނިސްޓަރ ފައްޔާޒު ވިދާޅުވީ މި ގޮތަށް ނިންމި ކަމުގައި ވީނަމަވެސް އެޗްޕީއޭއާއި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިޔަފާރިތައް ޗެކްކޮށް ގައިޑްލައިނާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާނެކަމަށެވެ.
މިހާތަނަށް އިނގުނު އިންސްޕެކްޝަންތަކަށް ބަލާއިރު ގިނަ ވިޔަފާރިތަކުން އެޗްޕީއޭގެ ގައިޑްލައިނާ އެއް ގޮތަށް އަމަލު ކުރާކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.
ކޮވިޑ-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި ވަނީ ޚާއްސަ ފިޔަވަޅު ތަކެއް އަޅާފައެވެ.
މިނިސްޓަރ ފައްޔާޒު މިހެން ވިދާޅުވެފައި ވާއިރު ހެލްތް މިނިސްޓަރ އަޙްމަދު ނަޞީމް މިއަދު ވަނީ މާލެ މިހާރު މި އޮތީ ލޮކްޑައުނަށް ދާންޖެހޭ ހާލަތުގައި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ލޮކްޑައުންއަކަށް ދިއުމަށް އިގުތިސާދު ތަން ނުދޭ ކަމުގައި ހެލްތު މިނިސްޓަރު ނަސީމް ވިދާޅުވެފައިވެއެވެ.



