ކޮވިޑް-19ގެ ބަލި ފެތުރުމުގެ ރިސްކް ކުޑަކުރުމުގެ ގޮތުން އެލްކޭޖީ އިން ގުރޭޑް އަށަކަށް އޮންލައިންކޮށް ކިޔަވައިދިނުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމައިފިއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މިވަގުތު ބަލި ފެތުރެމުންދާ މިންވަރާއި ހާލަތަށް ބަލައި ބަލި ފެތުރުމުގެ ރިސްކް އަވަހަށް ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ހެލްތް ޕުރޮޓެކްޝަން އެޖެންސީގެ އެދުމުގެ މަތިން އެލްކޭޖީ އިން ގުރޭޑް އަށަކަށް މާލޭ ސަރަހައްދުގައި އޮންލައިންކޮށް ކިޔަވައިދިނުމަށް ނިންމައިފައިވާ ކަމަށެވެ.
މާދަމާއިން ފެށިގެން ކުރިއަށް އޮތް ދެހަފްތާގެ ނިޔަލަށް މި ގުރޭޑްތަކަށް އޮންލައިންކޮށް ކިޔަވައިދިނުމަށް ނިންމައިފައި މިވަނީ ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ނުވެ ދުވާލެއްގެ މައްޗަށް ޕޮޒިޓިވުވާ މީހުންގެ އަދަދު 100 އިން މަތީގައި އުޅޭތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށެވެ.
ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީން) ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ޑރ. އަހްމަދު ޝަހީދު ވިދާޅުވީ، ކޮވިޑް-19ގެ ތިންވަނަ ޕީކާ ގުޅިގެން އެޅި ފިޔަވަޅުތަކުން އެންމެ އެކަށީގެންވާ ނަތީޖާ ނުފެންނަ ކަމަށެވެ.



