ބާރުގަދަ ތޫފާން "ވާޔު" ގެ ސީދާ އަސަރު ރާއްޖެއަށް ކުރާނެކަމަށް ނުބެލެވޭ - މެޓް

ރާއްޖެއާ ދުރުން އަރަބި ކަނޑުގައި އުފެދުނު ބާރުގަދަ ކޮޅިގަނޑު ބާރުގަދަ ތޫފާނަކަށް ބަދަލުވެފައި ވީނަމަވެސް ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ކުރާނެކަމަށް ނުބެލެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން މިއަދު ވިދާޅުވީ، ރާއްޖެއާއި ދުރުން އަރަބި ކަނޑުގައި، މުމްބާއީގެ ހުޅަނގުދެކުނުން 280 ކިލޯމީޓަރު ދުރުގައިވާ ތޫފާން "ވާޔު" މިހާރު އިތުރަށް ބާރު ބަދަވެފައިވާ ކަމަށާއި، ތޫފާން އުތުރަށް ދަތުރުކޮށް މާދަމާ ހެނދުނު އިންޑިއާގެ ގުޖުރާތުގެ އައްސޭރިފަށަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓް އޮފީހުން ވިދާޅުވީ، މި ތުފާނުގައި ގަޑިއަކު 95 މޭލު ބާރުމިނުގައި ވައި ޖެހޭން އެކަށީގެންވާ ކަމަށެވެ. ހަމައެއާއެކު އިންޑިއާގެ މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވަނީ ތޫފާނުގައި ގަޑިއަކު 170 ކިލޯމީޓަރު ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

"ނަމަވެސް ރާއްޖެއަށް މިތޫފާނުގެ ސީދާ އަސަރު ކުރާނެކަމަށް ލަފާ ނުކުރެވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.

މި ތޫފާނަކީ ވޭތުވެދިޔަ 20 އަހަރު ތެރޭ އިންޑިއާގެ ހުޅަނގު އައްސޭރި ފަށަށް އަރާނެ އެންމެ ބާރު ގަދަ ތޫފާނަށް ވާނެ ކަމަށްވެސް އިންޑިއާގެ މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާއިރު، އެސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކިުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.

އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވިއްސާރަކޮށް މީގެ ތެރެއިން ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވާކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާއިރު ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް އެއިދާރާއިން ވިދާޅުވެއެވެ.

"ހުޅަނގުދެކުނާއި ހުޅަނގުން. މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ. ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 03 މޭލާ 13 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ. ވިލާގަނޑުގައި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ދެކުނުގެ ކަނޑުތަށް އާދައިގެވަރަކަށް މަޑުވާނެ ކަމަށާއި، އެހެންހިސާބުތަކުގެ ކަނޑުތަށް އާދައިގެވަރަކަށް ގަދަވާނެ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުތުރުގެ އަތޮޅުތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް