މިއަދުން ފެށިގެން މާލެ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި ގައިދުރުކޮށް ނަމާދުގެ ޖަމާއަތް ހެދުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދިއުމާއި، ޙާލަތު އިތުރަށް ގޯސްވަމުންދާކަމަށް ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ދެއްވާފައިވާތީ، ފަތުވާ މަޖިލީހާއި ދީނީ ޢިލްމުވެރިންނާއި މަޝްވަރާކޮށް، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، 01 މާރޗް 2021 ވާ ހޯމަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން ކޮވިޑްގެ މިޙާލަތުން ލުޔެއް ލިބެންދެން ގްރޭޓަރ މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާޢަތް، ގައި ދުރުކަމާއެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
އަދި މިގޮތަށް ނިންމާފައިވަނީ މިސްކިތުގެ ޖަމާޢަތް މެދުކަނޑާލައި މިސްކިތް ބަންދުކުރުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްދަތިކަމަކަށްވުމާއި، މިޙާލަތުން އަރައިގަތުމަށް ކުރެވެން އޮތްކަމަކީ މިސްކިތް ބަންދުކުރުމުގެ ބަދަލުގައި ގައިދުރުކަމާއި އެކު ނަމާދުގެ ޖަމާޢަތް، ހެދުން ކަމުގައި ފަތުވާ މަޖިލީހާއި ބައެއް ޢިލްމުވެރިން ލަފާދެއްވާފައިވާތީ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.
އަދި ޙާލަތު ރަނގަޅުވާން ފެށުމާއެކު ކުރިއެކޭ އެއްގޮތަށް ޖަމާޢަތުގައި ނަމާދު ޤާއިމު ކުރެވިގެންދާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.
މި ދަނޑިވަޅުގައި މިސްކިތުގެ ޖަމާޢަތުގައި ނަމާދުކުރުމުގައި އަންނަނިވި ކަންކަމަށް ސަމާލުކަން ދެއްވުމަށް ވެސް މިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވާފައެވެ.
ސިޓީކައުންސިލުން ސަމާލުކަން ދޭންވީ ކަންކަން:
ހ. ނަމާދުކުރުމަށް ހުޅުވާލާ މިސްކިތުގައި ކާޕެޓްއަޅާފައި ނެތުން
ނ. ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕުލައި ސާފު ކުރުން
ނ. ސައިބޯނި ލައިގެން އަތްދޮވެވޭނެ އިންތިޒާމު މިސްކިތްތަކުގައި ހަމަޖެއްސުން
ރ. ކޮންމެހެން ބޭނުންކުރަށް ޖެހިއްޖެ ޙާލަތެއްގައި ނޫނީ އެއާކޯން ބޭނުން ނުކުރުން
ބ. އެއާކޯން ބޭނުން ކުރާނަމަ، ދޭތެރެ ދޭތެރެއިން މިސްކިތުގެ ދޮރުތައް ހުޅުވައި ވައި ބަދަލުވާނޭގޮތް ހެދުން
މިސްކިތަށް ނަމާދަށް ދާ ބޭފުޅުން ސަމާލުކަން ދޭންވީ ކަންކަން:
ހ. ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުން
ށ. މުސައްލައެއް ގެންދިއުމާއި އެ މީހެއްގެ މުސައްލަ މަތީގައި ނޫނީ ނަމާދު ނުކުރުން
ނ. މާސްކު އެޅުން
ރ. މިސްކިތައް ވަނުމާއި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުން
ބ. މިސްކިތުގެ އެކިތަންތަނުގައި ތިބުމުގެ ބަދަލުގައި މިސްކިތަށް ވަންނަ ގޮތަށް ފުރަތަމަ ސަފުން ފެށިގެން ފުރަމުން ގެންދިއުން
ޅ. ނަމާދަށް ސަފުހެދުމުގައި ގައިދުރުކަން ބެހެއްޓުން އަދި ގައި ދުރު ކަމާއެކު ނަމާދު ކުރުން
ކ. ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި ރޯގާ ޖެހިފައިވާ މީހުންނާއި ހުން އައިސްފައިވާ މީހުންނާއި ކެއްސާ މީހުންނާއި ޢުމުރުން ދުވަސް ވެފައިވާ މީހުން ގޭގައި ނަމާދުކުރުން
އ. ނަމާދު ނިމުމަށް ފަހު މިސްކިތުގައި މަޑު ނުކުރުން
ވ. މިސްކިތުގައި އަދި މިސްކިތުން ބޭރުގައި ވެސް އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަން ކުރުމުން ދުރުހެލިވުން
މ. މިސްކިތުގައިވާ ޚަތިމްތައް ބޭނުން ނުކުރުން
އިމާމުން ސަމާލުކަން ދޭންވީ ކަންކަން:
ހ. ބަންގިއަށް ފަހު 5 މިނިޓު ތެރޭގައި ޤަމަތް ދީ ނަމާދު ފެށުން
ށ. އެއްވެސް ނަމާދެއް 7 މިނެޓަށް ވުރެ ދިގު ނުކުރުން
ނ. ހުރިހާ ނަމާދެއްގައި ސޫރަތުލް ފާތިޙާ ފިޔަވައި ޟުޙާ ސޫރަތުން ފެށިގެން ތިރީގެ ކުރު ސޫރަތްތައް ކިޔެވުން
ވީމާ މަތީގައި ބަޔާން ކުރެވިފައިވާ ކަންތައްތަކަށް ސަމާލުކަން ދިނުމާއެކު ގްރޭޓާރ މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ގައިދުރު ކަމާއެކު ޖަމާޢަތުގެ ނަމާދު ކުރައްވަމުން ގެންދެވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.
އަދި މިދަނޑިވަޅުގައި ވެސް ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރުމަށާއި، ފަރުޟު ނަމާދުގެ އިތުރުން ހެޔޮޢަމަލުތައް ގިނަކޮށް، ފެތުރިފައިވާ ބަލިމަޑުކަމުން ﷲ ގެ އަޅުތަކުން ސަލާމަތްކޮށްދެއްވުން އެދި މާތް ﷲ ގެ ޙަޟްރަތަށް ދުޢާ ދެންނެވުމުގައި ދެމިތިބުމަށް ހުރިހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވެ ވަޑައިގެންފައިވެއެވެ.
އަދި ހަމަ އެ ފަދައިން ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅަމެންގެ ދުޢާ އިޖާބަ ކުރައްވައި، އެ ކަލާނގެ އޯގާވަންތަކަމާއި ދީލަތި ރަޙްމަތްފުޅުން ފެތުރެމުންދާ ބަލީގެ ނުރައްކާ ކުޑަކުރައްވައި މިސްކިތުގައި ގައިދުރުކަމާއެކުވެސް ޖަމާޢަތް ހަދައިގެން ނަމާދު ކުރުމުގެ ފުރުޞަތު ފަހިވެފައިވާތީ، ﷲ އަށް ޝުކުރުކުރުން މަތީ ދެމި ތިބުމަށް ރައްޔިތުންނަށް ވަޞިއްޔަތް ކުރައްވާފައިވެއެވެ.