އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް | ފޮޓޯ: ރައީސް އޮފީސް

ކޮމިއުނިކޭޝަން މިނިސްޓްރީ ހިންގުން އިކޮނޮމިކް މިނިސްޓަރު ފައްޔާޟަށް

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ ހިންގުން ވަގުތީ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާޢީލްއާއި ޙަވާލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވަނީ މި ބަދަލު ގެނިވިފައިވަނީ 2021 މާރިޗު 1 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 11 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީގެ މަޤާމުގައި ހުންނެވި އަލްފާޟިލް މުޙައްމަދު މަލީޙް ޖަމާލްގެ އިތުބާރުނެތްކަމަށް ފާސްކުރައްވާފައިވާތީ، ޤާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ރ) ގެ ދަށުން އެ މަޤާމުން މުޙައްމަދު މަލީޙް ޖަމާލް މިއަދު ވަކިފެފައިވާތީކަމަށެވެ.

މަލީހުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިއަދުއެވެ.

މަލީހުގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.

މަލީހްގެ އިތުބާރު ނެތް ކަމަށް އެމްޑީޕީ މެންބަރުން ފާސްކޮށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ސިޓީއެއް ފޮނުއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް ޖަލްސާގައި އެޖެންޑާ ކޮށްޖަވާބު ދާރީވާން މަލީހަށް 30 މިނެޓުގެ ފުރުސަތެެއް ދިނެވެ. އެ ފުރުސަތުގައި މަލީހު ވިދާޅުވެފައިވަނީ، "ހަކުރާގޭ ފެންޑާގައި އެކޮޅު ކޮޅުން އެލުވިކަމުގައިވިޔަސް ގާނޫނު އަސާސީގައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން" ހިފާނެކަމަށެވެ. އަދި މަޖިލީހަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ "ޒާތީ" ކަމެއްގެ ގޮތުގައި ކަމަށެވެ.

މަލީހު ވަޒީރުކަމުގެ މަޤާމުން ދުރުކުރެއްވިއިރު، މިއީ މި ސަރުކާރުގެ ވަޒީރަކު ވަޒީރުކަމުން ވަކިކުރުމަށް ފާސްކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް ތިން ވަޒީރަކު މަޤާމުން އިސްތިއުފާދެއްވާފައިވެއެވެ. އެއީ ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީންއާއި، ހައުސިންގ މިނިސްޓަރ އާމިނަތު އާތިފާއާއި، ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފްއެވެ. އަދި ޓޫރިޒަމް މިނިސްޓަރުކަމުން ޢަލީ ވަޙީދު ވަކި ކުރެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ