ރައްޔިތުންގެ މަޖިލީހުގެ ސްޕަރ މެޖޯރިޓީ ލިބިފައި އޮތަސް ބޭނުންހާ ގޮތެއް ނުހެދޭނެކަން މިހާރު ސާފުވާނެކަމުގައި ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީޙް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ޖަލްސާގައި ނަފްރަތުގެ އަމަލު ހުއްޓުވުމުގެ ބިލަށް ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވުމާއި ގުޅިގެންނެވެ.
ޤާނޫނުލްއުޤޫބާތަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ކޮމިޓީ ރިޕޯޓަށް ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ މަޖިލީހަށް ބިލް ބޮނުވުމަށްފަހު ސަރުކާރުން އެ ބިލު ދިފާއު ކުރަން އެއްވެސް މަސައްކަތެއް ކުރައްވާފައިނުވާކަމަށާއި، އަދި މިބިލް މަޖިލީހަށް ފޮނުވުމަށްފަހު ސަރުކާރުން މިބިލް ހިސާން ބޮލަށް ޖަހާ ހިސާން ހަވަރަށް ދީފައިވާކަމަށެވެ.
މީކާއިލް ވިދާޅުވީ މި ބިލަކީ ހިސާންގެ ބިލެއް ނޫންކަމަށާއި، މި ބިލަކީ ރައީސް ޞާލިހްއާއި ކޯލިޝަން އަދި ސަރުކާރުގެ އިސްލާހެއްކަމަށެވެ.
މީކާއިލް ވަނީ ސްޕަރ މެޖޯރިޓީގައި ތިއްބެވި އެމްޑީޕީގެ މަޖްލިސް މެންބަރުންނަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ސްޕަރ މެޖޯރިޓީއަކީ "ފިނޑި ސްޕަރ މެޖޯރިޓީ" އެއްކަމަށް މީކާއިލް ވަނީ ސިފަކުރައްވާފައެވެ.
މިކަމާއި ގުޅިގެން މަލީހް ވިދާޅުވީ ލާދީނީ ބިލާއިއެކު އެމްޑީޕީ ސައިޒުވެ އިތުރަށް ބައިބައިވެއްޖެކަމަށާއި، ސުޕާ މެޖޯރިޓީ ހޯއްދަވައިގެން މިއައްވުރެ ކަމެއް ނުކުރެވި ބޭކާރު ކަންކަމުގައި އުޅުނު ސިޔާސީ ޕާޓީއެއް ދުނިޔޭގައިވެސް މިނޫނީ ނުއުފެދޭކަމަށެވެ.
"ޤާނޫނަކުން ޕާޓީގެ ވެރިން ގަޑުވަރުގެ ބޯހިޔާވަހިކަން ހޯއްދަވައިފި. ރައްޔިތުން އަތާ އަނގަޔާއި ދިމާނުވޭ. މިވެރިން ޖެހެނީ ހަމަ ބާލަން" މަލީޙް ވިދާޅުވިއެވެ.
ސުޕާ މެޖޯރިޓީ ހޯއްދަވައިގެން މިއައްވުރެ ކަމެއް ނުކުރެވި ބޭކާރު ކަންކަމުގައި އުޅުނު ސިޔާސީ ޕާޓީއެއް ދުނިޔާޭގައިވެސް މިނޫނީ ނުއުފެދޭ. ޤާނޫނަކުން ޕާޓީގެ ވެރިން ގަޑުވަރުގެ ބޯހިޔާވަހިކަން ހޯއްދަވައިފި. ރައްޔިތުން އަތާ އަނގަޔާއި ދިމާނުވޭ. މިވެރިން ޖެހެނީ ހަމަ ބާލަން.
— Mohamed Maleeh Jamal (@maleehjamal) July 8, 2021
ސަރުކާރުން ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށް ހުށައަޅާފައިވާ ބިލު އަނބުރާ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާލަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިހާރު ވަނީ ނިންމައިފައެވެ.



