ކޮވިޑް-19 ރިކަވަރީ ލޯން ސްކީމްގެ ގްރޭސް ޕީރިއަޑް އިތުރު ހަމަސްދުވަހަށް އިތުރުކުރަން ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް ފިނޭންސުން ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީން ވިދާޅުވީ، ކޮވިޑް-19ގެ ސަބަބުން ދިވެހިރާއްޖޭގެ އިގުތިސާދަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް، ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) މެދުވެރިކޮށް ސަރުކާރުން ތަޢާރަފުކުރި ރިކަވަރީ ލޯނުތަކުގެ ގްރޭސް ޕީރިއަޑް 6 މަހުގެ މުއްދަތަކަށް އިތުރުކުރުމަށް ބޭނުންފުޅުވެލައްވާ ވިޔަފާރިތަކަށް، އެ ފުރުސަތު މިހާރު ހުޅުވާލައިފައިވާކަމަށެވެ.
އެގޮތުން އެމިނިސްޓްރީން ވިދާޅުވީ، މިހާތަނަށް ނަގާފައިވާ ލޯނުތަކުގެ ގްރޭސް ޕީރިއަޑް ހަމަވެފައިވާ ކުންފުނިތަކަށްވެސް އިތުރު 6 މަހުގެ މުއްދަތަކަށް ގްރޭސް ޕީރިއަޑް އިތުރުކޮށް، ޖުމްލަ 12 މަހުގެ ގްރޭސް ޕީރިއަޑްއަކަށް އެދިލެއްވުމުގެ ފުރުސަތު އޮންނާނެކަމަށާއި، އަދި ގްރޭސް ޕީރިއަޑް އިތުރުކުރުމަށް ހުށަހަޅާ ހުށަހެޅުންތައް ބަލައިގަތުމުގައި ލޯން އިވެލުއޭޓްކުރުމުގައި އެ މިނިސްޓްރީންނާއި ބީ.އެމް.އެލްއިން ގެންގުޅެފައިވާ މިންގަނޑުތަކަށް ބެލޭނެކަމަށެވެ.
އަދި މި ސްކީމަކީ ކޮވިޑް-19އާ ގުޅިގެން ވިޔަފާރިތަކަށް ވަރކިންގ ކެޕިޓަލް ފޯރުކޮށްދީ، މި ދަތި ދަނޑިވަޅުން އިގުތިސާދު އަރައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުން ފެށިފައިވާ ސްކީމަކަށް ވެފައި، ލޯނު އަނބުރާ ދެއްކުމުގައިވެސް ލުއިފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމަކީ އެ މިނިސްޓްރީގެ މަގުސަދުކަމަށްވެސް ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީގެ އިޢުލާނުގައި ވާ ގޮތުން ގްރޭސް ޕީރިއަޑް އިތުރުކުރުމަށް އެދިލައްވާ ފަރާތްތަކުން ގްރޭސް ޕީރިއަޑް ހަމަވުމުގެ 30 (ތިރީސް) ދުވަސް ކުރިން ބީ.އެމް.އެލް އަށް އީމެއިލް މެދުވެރިކޮށް އަންގަންވާނެއެވެ. އަދި ލޯން ސްކީމްގެ ދަށުން ލިބޭ 6 މަހުގެ ގްރޭސް ޕީރިއަޑް ހަމަވެފައި، ނުވަތަ 30 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ވެފައިވާނަމަ، 01 އޭޕްރިލް 2021 ގެ ކުރިން ބީ.އެމް.އެލްއަށް އަންގަންވާނެއެވެ.
ގްރޭސް ޕީރިއަޑް އިތުރުކުރުމަށް އެދި އީމެއިލް ކުރައްވާނީ [email protected] އަށެވެ. މިކަމާއި ގުޅޭ އިތުރު މައުލޫމާތު ބީ.އެމް.އެލްގެ ވެބްސައިޓުގައި ޝާއިއުކުރާކަމަށްވެސް މި އިޢުލާނުގައި ވެއެވެ.