ފެނަކަ ކޯޕަރޭޝަން ލިމޓެޑަށް މަގުފަހިވާގޮތަށް ކަންތައްތައް ހިންގާކަމަށް ދޭހަވާގޮތަށް ބައެއް ފަރާތްތަކުން ފަތުރަމުންގެންދާ އަސާސެއް ނެތް ވާހަކަތަކެއްކަމަށާއި، އެފަދަ ތުހުމަތުތައް ކުރަނީ އެކުންފުނިންގ ހޯދާފައިވާ ކާމިޔާބީތަކާމެދު ހަސަދަވެރިވެގެންކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.
ފެނަކައިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކުންފުނިން ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގައި، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޢަމަލުކުރާކަމަށް ދޭހަވާގޮތަށް ބައެއް ފަރާތްތަކުން ކެނޑިނޭޅި ފަތުރަމުންދާ އަސާސެއް ނެތް ވާހަކަތަކަކީ، ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ކުންފުންޏަށް ހޯދައިދެމުންދާ ކުރިއެރުންތަކާއި ފަޚުރުވެރި ރީތިނަމާއި ކާމިޔާބީތަކާމެދު ޙަސަދަވެރި ނިޔަތެއް އޮވެގެން، ކުންފުނީގެ ނަން ކިލަނބުކޮށް، މެނޭޖްމަންޓާއި މުވައްޒަފުންގެ އަގު ވައްޓާލުމަށް، އެއްވެސް ޒިންމާދާރުކަމެއްނެތި، ރޭވުމެއްގެ ތެރެއިން ކުރެވެމުންދާ، ސިލްސިލާ ފިނޑި ޢަމަލުތަކުގެތެރެއިން ކަމެއްކަމަށެވެ.
އަދި 18 ޑިސެމްބަރ 2018 ގައި ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ކުންފުންޏާ ޙަވާލުވުމަށްފަހު، މި ކުންފުނިން ރައްޔިތުންނަށް ޚިދުމަތްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި، ނަޒާހާތްތެރިކަން ކަށަވަރުކުރެވެނިވި ގޮތެއްގައި ކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ޔަޤީންކޮށް އަރުވާކަމަށާއި، އެނޫން މަގަކުން ކަންކަން ނުހިނގާނެކަން ކަށަވަރުކުރުމަށް ހަރުދަނާ ގިނަ ފިޔަވަޅުތަކެއް އަޅައި، އެފަދަކަންކަމަށް ފާރަވެރިވެ، ޖަވާބުދާރީ ކުރެވޭނެ އެކަށީގެންވާ ނިޒާމުތަކެއް ކުންފުނީގައި ޤާއިމްކޮށް ޢަމަލުކުރަމުންދާކަމުގައި ވެސް ފެނަކައިގެ މިނޫސް ބަޔާނުގައި ބުނެފައިވެއެވެ.
އިތުރަށް ބުނީ، ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ޤަވާޢިދެއް ނުވަތަ ޢުސޫލެއްވިޔަސް މިއަދުގެ މެނޭޖްމަންޓުން ހަދާފައި ނުވާއިރު، ފާއިތުވެދިޔަ ކިލަނބު މާޒީގައި އެކުލަވާލެވިފައިވި އެފަދަ ޤަވާޢިދުތަކާއި އުސޫލުތައްވެސް ބަދަލުކޮށް، ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން ހަރުދަނާކަމާއެކު އެ ކުންފުނިން ޚިދުމަތް ފޯރުކޮށްދެމުންދާ ކަން ފާހަގަކުރާކަަމަށާއި، ކުންފުނީގެ ކުރީގެ މެނޭޖްމަންޓުތަކުން ހިންގާފައިވާ ޢަމަލުތަކެއްގެ ސަބަބުން އަދުގެ މެނޭޖްމަންޓަށާއި މިއަދު ކުންފުންޏަށް ކިލަނބު ނަން ގެނައުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމީ މިކުންފުނީގެ އަދުގެ މެނޭޖްމަންޓުން ނުހަނު ހިތާމަކުރާ ކަމެެއްކަމަށެވެ.
އަދި ރައްޔިތުންގެ ޢާންމު ދިރިއުޅުމާ ސީދާ ގުޅިފައިވާ މިފަދަ ކުންފުންޏަކާ ގުޅޭގޮތުން އެކިފަރާތްތަކުން އުފައްދައި ހުށަހަޅާ އަސާސެއްނެތް އެންމެހާ ކަންކަން ހަރުދަނާކަމާއެކު ތަފްޞީލީ ގޮތެއްގައި ބަލަންޖެހޭ އެންމެހައި ބެލުންތައް ބަލައި ދިރާސާ ކުރުމަށްފަހު، ކަމުގެ ހަޤީގަތް ރައްޔިތުންނަށް ނޯޅޭފަދަ ގޮތަކަށް މަޢުލޫމާތު ޢާންމު ކުރެއްވުމަށްވެސް ފެނަކައިންވަނީ އިލްތިމާސްކޮށްފައެވެ.




