ވެންޓިލޭޓަރުތަކުގެ ފައިސާ ދިޔަ ކުންފުނިތައް އެނގޭކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އޭސީސީން މިހެން ބުނެފައިވަނީ ވެންޓިލޭޓަރުގެ ކޮރަޕްޝަނުގެ މައްސަލައާއި ގުޅިގެން އޭސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ވެންޓިލޭޓަރު މައްސަލައިގެ ތަޙުޤީޤުގައި އެ ފައިސާ ވަތް ތަނެއް އަދި ހޯދިފައެއް ނެތްކަމަށް ޕީޖީ މިއަދު ވިދާޅުވުމާއި ގުޅިގެން ރައްދުދެއްވައި އޭސީސީން ބުނީ ވެންޓިލޭޓަރުގެ ކޮރަޕްޝަނުގެ މައްސަލައާއި ފައިސާ ދިޔަ އެކައުންޓުތައް އެނގޭކަމަށާއި، އަދި އޭސީސީގެ ރިޕޯޓުގައި އެކައުންޓްތައް ތަފްސީލު ކުރެވިފައިވާނެކަމަށެވެ. އަދި މިއީ އޭސީސީން މިފަދަ މައްސަލައެއް ތަޙުޤީޤުކުރާ ފުރަތަމަ ފަހަރު ނޫންކަމަށާއި، އެތައް މައްސަލައެއް އޭސީސީން ތަހުގީގުކޮށް، ޕީީޖީ އޮފީހަށް ދައުވާ ކުރަން ފޮނުވާފައި ވާނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.
އަދި ނާޖައިޒް ފައިދާ ހޯދައި ދިނުމުގެ މައްސަލަތަކުގައި "މަނީ ޓްރަޔަލް" މުހިންމެއް ނޫން ކަމަށާއި، އަދި ކޮންމެ މައްސަލައެއްގައި މަނީ ޓްރަޔަލް ނުވެސް ހިނގާނެކަމަށްވެސް އޭސީސީން ބުނެފައިވާއިރު، މިފަދަ މައްސަލަތަކުގައި އެމީހަކަށް ނުވަތަ އެހެން މީހަކަށް ނުވަތަ އޭނާއާ ގުޅުން ހުރި އެހެން މީހަކަށް ފައިދާއެއް ލިބިފަ އޮތް ކަމަށް ސާބިތުކޮށްދޭކަށްނުވެސް ޖެހޭކަމަށް އޭސީސީންވަނީ ބުނެފައެވެ.
ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި މައްސަލައިގައި، އެކައުންޓްތަކަށް ކޮންމެވެސް މިންވަރެއްގެ ފައިސާ ވަދެފައި އެބަހުރި ކަމަށާއި ނަމަވެސް ތުހުމަތުކުރާ ވަރުގެ އަދަދެއް އެކައުންޓްތަކަށް ވަދެފައި ނެތް ކަމަށް، ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އިއްޔެއެވެ.
ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމެވި ސަބަބާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން، ޝަމީމް ވިދާޅުވީ، އެންޓި ކޮރަޕްޝަންގެ ތަހުޤީގުން މައްސަލަ ފުރަތަމަ ފޮނުވިއިރުވެސް އަދި ފަހުން ފޮނުވިއިރުވެސް، މި ކަމުގެ ހިމެނޭ ކޮރަޕްޝަންގެ ފައިސާ ވެދަފައިވަނީ ކޮން އެކައުންޓަކުންތޯ ހޯދިފައި ނެތްކަމަށެވެ.
ވެންޓިލޭޓަރތައް ގެނައުމުގެ މަސައްކަތް ކުރަމުން ދިޔައީ އާންމު އުޞޫލުތަކާ ޚިލާފަށް ވަކި ބައެއްގެ އަތުން ކަމަށާއި މިގޮތުން ތަކެތި ނުލިބެނީސް އެޑްވާންސް ފައިސާ ދައްކާފައިވާ ކަމަށާއި، އަދި ވެންޓިލޭޓަރތައް ގެންނަން ޑުބާއީގެ ކުންފުންޏަކަށް ވެސް އެޑްވާންސްކޮށް ފައިސާ ދައްކާފައިވާކަމަށް އޭސީސީން ބުނެފައިވާއިރު، މި މައްސަލާގައި 11 ފަރާތެއްގެ މައްޗަށް ދަޢުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ 14 އޮކްޓޫބަރު 2020 ގައެވެ.
އަދި މި މައްސަލާގައި އޭސީސީއިން ދަޢުވާ ކުރުމަށް ފޮނުވާފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ:
- މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިޔުޓީ މިނިސްޓަރ، ނިޝާމާ މުޙައްމަދު
- މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ، ނައުޝާދު ޢަލީ
- މިނިސްޓްރީ އޮފް ހެލްތުގެ ބިޑް ކޮމިޓީގެ މެމްބަރު، އާމިނަތު ޝައުފާ
- މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް ޑިރެކްޓަރ (ބިޑް ކޮމިޓީގެ މެމްބަރު)، ފާޠިމަތު ލިމްޔާ
- މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ (ފައިނޭންސް އެގްޒެކްޓިވް) އަޙްމަދު އަސްލަމް
- މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން
- މިނިސްޓްރީ އޮފް ހެލްތްގެ ޑެޕިއުޓީ މިނިސްޓަރ، ޝިޔާމާ މުޙައްމަދު
- މިނިސްޓްރީ އޮފް ހެލްތުގެ ލީގަލް އޮފިސަރ، ޢަލީ ޝިހާމް
- މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް ޑައިރެކްޓަރ ޢަބްދުﷲ ޙަފީޘް
- މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ، ޙުސައިން ނިޔާޒް
- މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޢަބްދުﷲ ޝަރީފް