ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިހާރު މާލޭގައި ކުރިޔަށްގެންދާ މުޒާހަރާތެރެއިން މިހާތަނަށް 31 މީހަކު ހައްޔަރު ކޮށްފިއެވެ.
އެކޯލިޝަނުން މިއަދު މާލޭގައި މުޒާހަރާ ކުރުމަށް ނިންމާފައި ވަނިކޮށް ފުލުހުން ވަނީ ހެންވޭރު ބޮޑުތަކުރުފާނު މަގުގައި ހުންނަ ހުރަފާގޭގައި ޕީޕީއެމް އޮފީސް ހުންނައިރު، އެ ސަރަހައްދު ބަންދުކޮށްފައެވެ.
އެގޮތުން ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދަށް ދެވެން އޮންނަ ހުރިހާ މަގުތަކެއް އާންމުންނަށްވެސް ނުވަދެވޭނެހެން ވަނީ ބަންދުކޮށްފައެވެ.
ފުލުހުން ވިދާޅުވީ މުޒާހަރާއިން 31 މީހަކު މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.
މީގެ އިތުރުން އިދިކޮޅު ކޯލިޝަނުން ވަނީ މިއަދު ހަވީރު 6 ޖެހިނަމަވެސް ހުއްޓާ ނުލާ މުޒާހަރާ ކުރިޔަށް ގެންދާނެކަމަށް ވިދާޅުވެފައެވެ. އިދިކޮޅު ކޯލިޝަނުން ކުރިޔަށްގެންދަ މުޒާހަރާގެ ތެރެއިން އެކޯލިޝަންގެ އިސް ފަރާތްތަކެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އެކޯލިޝަނުން މާލޭގެ އެކި ސަރަހައްދު ތަކުގައި މިއަދު ދަނީ މުޒާހަރާކުރަމުންނެވެ.
އިދިކޮޅު ކޯލިޝަނުން މުޒާހަރާ ކުރަމުންދާއިރު، ކޮވިޑް-19 އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ވަނީ މާލެ ސަރައްދުގައި މަގުމައްޗާއި އާންމު ތަންތަނަށް އެއްފަހަރާ ފަސްމީހުންނަށްވުރެ ގިނަ މީހުން އެއްވުން މަނާކޮށްފައެވެ.



