އިންތިޚާބު ކާމިޔާބު ވަނީ އިލެކްޝަންސް ކޮމިޝަނުން ކޮށްދޭކަމަކުން ނޫން ކަމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވެފައި މި ވަނީ އިލެކްޝަން ކޮމިޝަން ގެ މެމްބަރުން އެމްޑީޕީ އަށް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކޮށްދޭން މަސައްކަތް ކުރައްވާކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތު ކުރެއްވުމާއި ގުޅިގެންނެވެ.
އެގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބު ބޭއްވުމަށް މަހެއްހާ ދުވަހަށް ކައިރިވެފައި ވަނިކޮށް އިދިކޮޅުން ވިދާޅުވެފައި ވަނީ ކެމްޕޭނު ކުރަން ހަމަހަމަ ފުރުސަތެއް ދީފިނަމަ އެކޯލިޝަނުން އިންތިޚާބު ކާމިޔާބު ކުރާނެކަމަށެވެ. އަދި އެކަން އެމްޑީޕީއަށް ޔަޤީންވުމުން ސަރުކާރުން ދަނީ ހުރިހާ މުއައްސަސާތަކެއް މެދުވެރިކޮށް އިންތިހާބުގެ ނަތީޖާ އަނބުރާލުމަށް މަސައްކަތް ކުރަމުން ކަމުގައި އެކޯލިޝަނުން ވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން ޝަރީފް ވިދާޅުވީ އިންތިޚާބު ކާމިޔާބު ވާނީ ވޯޓްގެ ނަތީޖާއިންކަމަށާއި، އެއަކީ އީސީ އިން ކަމެއް ކޮށްދީގެން ވާ ގޮތަކަށް އޮންނަކަމެއް ނޫންކަމަށެވެ.
"އީސީ އިން ކަމެއް ކޮށްދީގެން ވާގޮތަކަށް ނޫން އޭރުވެސް އަދި މިހާރުވެސް އޮތީ" ޝަރީފް ވިދާޅުވެފައިވެއެވެ.
ޝަރީފް ވަނީ ރައްކާތެރިވެތިއްބަވާ ކެމްޕެއިން ކުރެއްވުމަށް ގޮވާލައްވާފައެވެ. އަދި އެންމެ ވޯޓަކުންވެސް ނަތީޖާ ބަދަލުވެދާނެކަމުގައި ޝަރީފް ވިދާޅުވެފައިވެއެވެ.
ޝަރީފް މިހެން ވިދާޅުވެފައި ވާއިރު ރާއްޖޭގައި އިލެކްޓްރޯނިކް ވޯޓިން ބޭނުންކޮށްގެން އިންތިހާބެއް ބާއްވައިފި ނަމަ އެ އިންތިހާބެއްގެ ނަތީޖާ ރައްޔިތުން ގަބޫލު ނުކުރާނެ ކަމުގައި އީސީގެ މެމްބަރު ފުއާދު ތައުފީގު ވަނީ ވިދާޅުވެފައެވެ.




