ޑރ. އިޔާޒް: ފޮޓޯ - އަވަސް

ޓުވީޓުތަކުގެ ޒިންމާ ޔުނިވަރސިޓީން ނަގަންޖެހޭނެ އެއްވެސް ސަބަބެއް ނޯންނާނެ: ޑރ. އިޔާޒު

ޓްވިޓާރގައި ކުރަމުންދާ ޓުވީޓުތަކުގެ ޒިންމާ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ނަގަންޖެހޭނެ އެއްވެސް ސަބަބެއް ނޯންނާނެކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއިން އިޔާޒު ސަސްޕެންޑްކޮށްފައިވާތީ އެ ޔުނިވަރސިޓީއަށް ފޮނުވާފައިވާ ސިޓީގައި އިޔާޒު ވިދާޅުވީ، އަމިއްލަ ޓްވިޓަރ ހެންޑެލް ބައްލަވާލެއްވުމުން އަޅުގަނޑު ޓުވިޓަރ ގައި ފާޅުކުރާ ޚިޔާލު ތަކާއި ޝުޢޫރު ތަކަކީ އެބޭފުޅާގެ އަމިއްލަ ޛާތީ ކަމެއްކަން ބަޔާންކޮށްފައިވާނޭކަމަށާއި، އެހެންކަމުން އެ އައިޑީންކުރާ ޓްވީޓުތަކުގެ ޒިންމާ ވަޒީފާ އަދާކުރާތަނަކުން ނަގަންޖެހޭ އެއްވެސް ސަބަބެއް ނޯންނާކަމަށެވެ.

އަދި އިސްލާމްދީނުގެ ތަޢުލީމު އުނގެނިހުރެ އެދީނުގެ ތަޢުލީމް މީސްތަކުންނަށް ފޯރުކޮށްދޭން ރެޔާއިދުވާލު މަސައްކަތް ކުރާކަމަށާއި، ދިރިއުޅުމަށް ކުރާ އިތުރު މަސައްކަތެއް ނޯންނައިރު، މައިގަނޑު މަސައްކަތަކީ ޢާއްމުން ކުރާ ފޮނުވާ، ހުށައަޅާ، ދީނީ އަދި އިޖްތިމާޢީ ސުވާލުތަކަށް ޖަވާބު ދިނުމާއި، ޤުރްއާން ތަފްސީރު ކުލާސްތަށް ކުރިޔަށް ގެންދިޔުމާއި، އަދި ސޯޝަލް މީޑިޔާ މެދުވެރިކޮށް ދީނުގެ އެކި ކަންކަމަށް ޢާއްމުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ކުރުންކަމަށް އިޔާޒު ވިދާޅުވެފައިވާއިރު، މިމަސައްކަތްތަކުގެ ސަބަބުން ޔުނިވަރސިޓީގެ ޤަދަރާއި ކަރާމާތް މަތިވެރިވާނެކަމަށް ހީފުޅުކުރިކަމަށްވެސް އިޔާޒުގެ މިސިޓީގައި ވެއެވެ. ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ޤަދަރާއި ކަރާމާތް ގެއްލޭ ފަދަ އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ ކަމަށާއި، ކަންކަން ކޮށްފައި ވާނީ ޔުނިވާސިޓީގެ ޝަރަފާއި ދަރަޖަ އުފުއްލޭ ފަދަ ކަންތައްތައް ކަމަށްވެސް އިޔާޒުގެ ސިޓީގައި ވެއެވެ.

އިތުރަށް މިސިޓީގައި އިޔާޒު ވިދާޅުވީ، އެ މަސައްކަތުގެ ސަބަބުން ޔުނިވަރސިޓީގެ އަގުވެއްޓޭ ކަމަށްބުނެ ވަޒީފާއިން ސަސްޕެންޑްކޮށްފައިވާތީ، ޢާއްމު އިންސާނީ ޠަބީޢަތުގެ ތެރެއިން ދެރަވެ ހަމަ އެވަރަށް ޙައިރާންވެސް ވީކަމަށާއި، ޔުނިވަރސިޓީގެ ބޭފުޅުންނަށް ހެވާނުބައި ވަކިކުރަން އޮޅިވަޑައިގެންފައި އޮތީބާއޭ ނުވަތަ ބަޔަކު އަމުރު ކުރާހާ ގޮތަކަށް ކަންކުރަން މަޖްބޫރުވެފައިވަނީ ބާއޭވެސް ހިތުގައި ސުވާލު އުފެދޭކަމަށެވެ.

ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކާއި ގުޅިގެން ކަމަށްބުނެ، ޑރ. އިޔާޒު ސަސްޕެންޑް ކޮށްފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަކަށެވެ.

ޑރ. އިޔާޒައް ފިޔަވަޅު އެޅުމާއި ގުޅިގެން ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ދަނީ އެކަމަށް ފާޑު ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ