ޚުތުބާ ވިދާޅުވާ ބޭފުޅުން އާޔަތްތަކާއި ހަދީޘްތައް ފަރިތަކޮށްލުން ވަރަށް މުހިންމު ކަމުގައި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް އަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއަދުގެ ޚުތުބާ ވަރަށް ފުރިހަމަ ކަމަށާއި ނަމަވެސް ޚުތުބާ ވިދާޅުވާ ބޭފުޅުން މެމްބަރަށް އެރުއްވުމުގެ ކުރިން، ހާއްސަ ގޮތެއްގައި އާޔަތްތަކާއި ހަދީޘްތައް ފަރިތަ ކޮށްލުން ވަރަށް މުހިންމު ކަމަށެވެ. އަދި އޭރުން އަޑު އަހާ މީޙުންނަށް ވެސް ވަރަށް ފަސޭހަވާނެ ކަމަށް ވިދާޅުވިއެވެ.
ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށާއި އެކަލޭގެފާނުގެ ތެދުމަގަށް ނަފްރަތު ކުރުމާއި، ކުޑައިމީސް ބަސްބުނެ ފުރައްސާރަ ކުރުމަކީ، އީމާންކަމުގެ ދާއިރާއިން ބޭރުވާނޭ ޢަމަލެއް ކަމުގައި ޢިލްމުވެރިން ވިދާޅުވެފައިވާކަމަށް މިއަދުގެ ޚުތުބާގައި ވިދާޅުވެފައިވެއެވެ.
އެކަލޭގެފާނަށް އީމާން ވުމަކީ އިމާންކަމުގެ ރުކުނެކެވެ. އަދި އެކަލޭގެ ފާނަށް ކިޔަމަންގަތުމާއި، އެކަލޭގެ ފާނުގެ މަތިވެރި މަޤާމަށް ޤަދަރުކޮށް، އަދަބުތަޢުޡީމް އަދާކޮށް، އެމީހެއްގެ އަމިއްލަ ނަފްސާއި، މުދަލާއި، އަނބިދަރީންނަށްވުރެ ބޮޑަށް އެކަލޭގެ ފާނުދެކެ ލޯބިވެ، އެކަލޭގެފާނަށް ނަޞްރުދީގެން މެނުވީ އެއްވެސް މުސްލިމެއްގެ އީމާންކަން ފުރިހަމަ ނުވާނެ ކަމުގައިވެސް މިއަދުގެ ޚުތުބާގައި ވަނީ ވިދަޅުވެފައެވެ.



