ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާ މެމްބަރު ރޮޒައިނާ އާދަމްގެ ހިއްސާ އޮންނަ ކުންފުންނަކަށް ހުޅުމާލޭގައި ކުލިނިކެއް އެޅުމަށް ދިން ކަމަށް ބުނާ މައްސަލަ އެންމެ ފަހުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.
އޭސީސީގެ އިންފޮމޭޝަން އޮފިސަރާއި ޙަވާލާދީ "ސަން" ގައި ބުނެފައިވަނީ ރޮޒައިނާގެ ހިއްސާވާ ކުންފުންޏަކަށް ހުޅުމާލެއިން ކްލިނިކެއް އެޅުމަށް ގަވައިދާ ހިލާފަށް ދިން ކަމަށް ބުނާ މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންނަމަވެސް މިމައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ދީފައިނުވާކަމަށްވެސް ބުނފައިވެއެވެ.
ހުޅުމާލޭގައި ކްލިނިކެއް އެޅުމަށް މެމްބަރު ރޮޒޭނާގެ ޙިއްސާ އޮންނަ ކުންފުންޏަކަށް ދީފައިވާތީ އެކަމަކީ އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް ނުފޫޒު ފޯރުވައިގެން ހިންގަވާފައިވާ ޢަމަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރައީސް ނަޝީދުގެ ތުހުމަތުތައް މިނިސްޓަރ ފައްޔާޒް ދޮގު ކުރަށްވާފައިވާއިރު ރޮޒޭނާ މިއަދު ވިދާޅުވެފައިވަނީ ވަގަށް ކާށިކެއުމަށް ޤަސްދު ނުކުރަށްވާ ކަމަށެވެ.
ރޮޒައިނާ ވިދާޅުވީ، ކްލިނިކް ބިލްޑިންގެއް އެޅުމަށް އެޗްޑީސީ އަށް ހުށަހަޅާފައިވަނީ ޝަރުތުތައް ފުރިހަމަވާ ރަނގަޅު ބިޑެއް ކަމަށާއި އެކަން ކުރުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އެހީތެރިކަން ހޯދާފައި ނުވާނެކަމަށެވެ.
"އެއްވެސް ކަމެއް ފަޔާ ތްރޫކޮށް ކޮށްފައެއް ނުވާނެ. އަޅުގަނޑުމެން ހަމައެކަނި ކުރި ކަމަކީ ބިޑް ލީކަން އެކަނި." ރޮޒައިނާ ވިދާޅުވިއެވެ.
އަދި ގާތްގަނޑަކަށް 13 އަހަރު ދުވަހު ރައްޔިތުންގެ މަޖިލީހުގައި ޚިދުމަތް ކުރެވިފައިވާއިރު، މިހާތަނަށް ނުފޫޒު ބޭނުންކޮށްގެން އަމިއްލަ ފައިދާއަށް އެއްވެސް ކަމެއް ނުކުރުއްވާ ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް އެގޮތުގައި ދެމިހުންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަމިއްލަ ނަމުގައި ވިޔަފާރިއެއް ހިންގުމަކީ މަޖިލީސް މެންބަރަކަށްވެ ކުރަން ހުރަސް އަޅާ ކަމަކަށް ނުވާ އިރު އެފަދަ ކަމެއް ގަވައިދާ އުސޫލުގެ ތެރެއިން ކުރުމަކީ އޭނާއަށް ލިބިގެންވާ ހައްގެއް ކަމަށްވެސް ރޮޒައިނާ ވިދާޅުވެފައިވާއިރު، ޑީވައިއެމްގެ އިތުރުން ދެން ބިޑް ހުށަހަޅާފައިވާ މެޑިކުއިޕްއަކީވެސް މަޖިލީސް މެންބަރުންނާ ގުޅުން ހުރި ކުންފުންޏެއްކަމަށްވެސްވަނީ ވިދާޅުވެފައެވެ.
ޑީވައިއެމް އިން 5 އަހަރު ދުވަހުގެ ކުލީގެ ގޮތުގައި 16.2 މިލިއަން ރުފިޔާ ދިނުމަށް ހުށައަޅާފައިވާއިރު، މެޑި ކުއިޕް ކުންފުނިން ހުށައަޅާފައިވަނީ 10.7 މިލިއަން ރުފިޔާއެވެ.
ރޮޒައިނާ އާދަމްގެ ހިއްސާ އޮންނަ ކުންފުންނަކަށް ހުޅުމާލޭގައި ކުލިނިކެއް އެޅުމަށް ދިން ކަމަށް ބުނާ މައްސަލަ އޭސީސީއަށް މިއަދު ހުށަހަޅާފައިވާކަމަށް ބުނާއިރު، ހުޅުމާލެ ބަލަހައްޓާ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ، ހުޅުމާލޭގައި ކްލިނިކެއް އެޅުމަށް އަދި މިހާތަނަށް ބަޔަކާ ހަވާލު ކޮށްފައިނުވާކަމަށެވެ.



