ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް – ފޮޓޯ: މަޖިލިސް

ހުޅުމީދޫ އައްޑޫ ކައުންސިލުން ވަކިކުރަން ހުށަހަޅަނީ

އައްޑޫ ސިޓީގައި މީހުން ދިރިއުޅޭ އަވަށްތަކުގެ ތެރެއިން ވަކިން އޮންނަ ހުޅުދޫ އަދި މީދޫ އައްޑޫ އައްޑޫ ކައުންސިލުން ވަކިކުރަން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

މިކަމާއި ގުޅޭގޮތުން ރޮޒައިނާ އިއްޔެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ، ހުޅުދޫ-މީދޫ އައްޑޫ ކައުންސިލުން ވަކިކުރުމާމެދު ރައްޔިތުންގެ ހިޔާލަށް އެދިފަ އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ދަށުން ހުޅުދޫ އާއި މީދު ވަކިކުރަން ގޮވާލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި މަޖިލީހަށް ޕެޓީޝަނެއް ހުށަހެޅީ ނިމިދިޔަ ލޯކަލް ކައުންސިލު އިންތިހާބުގައެވެ. ނަމަވެސް މެމްބަރު ރޮޒައިނާ އޭރު އެ ޕެޓިޝަނަށް ތާއިދުނުކުރައްވާ ވިދާޅުވީ، މީދޫގެ މުނިސިޕަލް ހިދުމަތްތައް ދިނުމުގެ މިނިވަންކަން އަވަށު އޮފީހަށް ބަޖެޓާ އެކު ލިބުމަށް އަބަދުވެސް ތާއިދުކުރާ ކަމަށެވެ. އަދި އެއީ ސިޓީން ވަކިނުވެ ވެސް ކުރެވޭނެ ކަމެއް ކަމަށެވެ.

ނަމަވެސް ރޮޒައިނާ އިއްޔެ ކުރި ފޭސްބުކް ޕޯސްޓުގައި ވިދާޅުވީ، ހުޅުދޫ މީދޫ އައްޑޫ ކައުންސިލުގެ ބައެއްގެ ގޮތުގައި އޮވެގެން މި ދެ ރަށުގެ ރައްޔިތުންނަށް ވަނީ ފައިދާތީ ނުވަތަ ގެއްލުންތޯ، މިއީ މިހާރު ވިސްނާ ބަހުސްކޮށް ހައްލުކޮށް ވެއްޖެ ކަމެއް ކަމަށެވެ.

"ކޮންމެ ކަމެއް ނިންމުމުގައި މި ދެ ރަށުގެ ރައްޔިތުންނަށް އެތައް ތަކުލީފަކާ ކުރިމަތިލާން ޖެހޭކަމުގެ ޝަކުވާތަކަށް އާ ކައުންސިލާ އެކު ހައްލެއް ލިބޭނެ ކަމަށް ރައްޔިތުން އުންމީދުކުރި.، ނަމަވެސް މި ޝަކުވާތަކަށް ނިމުމެއް ނެތް" ރޮޒެއިނާ ވިދާޅުވިއެވެ.

އެހެންކަމުން ސިޓީ ކައުންސިލުން ވަކިވުމަކީ ރައްޔިތުން އެދޭ ގޮތް ކަމަށް ވާނަމަ، އަންނަ ފެބުރުއަރީގައި މަޖިލިސް ހުޅުވޭ އިރު އެކަން ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ހުށަހަޅުއްވާނެ ކަމަށް މެމްބަރު ރޮޒައިނާ ވިދާޅުވި އެވެ.

"އެހެންކަމުން، ހުޅުދޫ މީދޫ ރައްޔިތުން މިކަމާ ދޭތެރޭ ދެކޭ ގޮތް ހިއްސާކޮށްދެއްވުން އެދެން،" ރޮޒައިނާ ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ