މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކ. ކާށިދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި ދެއޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ތިންމީހަކު ކާށިދޫން ހައްޔަރުކޮށްފިއެވެ.
މި ދެއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެއްގެ އިތުރުން 35 އަހަރުގެ ދިވެހި ތިން ފިރިހެނުނެވެ.
ކާށިދޫ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތި ބޭނުންކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިއަދު 10:50 ހާއިރު ހިންގި އޮޕަރޭޝަންގަ ހައްޔަރު ކޮއްފައިވަނީ 30 އަހަރުގެ މީހާއާއި 35 އަހަރުގެ މީހެކެވެ. މި ދެމީހުން ހައްޔަރުކޮށް، މިދެމީހުން ދިރިއުޅޭގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި އަށް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އޭގެއިތުރުން 26 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ކާށިދޫ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތި ބޭނުންކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޖޫން 11 ވަނަ ދުވަހުގެ 18:40 ހާއިރު ހިންގި އޮޕަރޭޝަންގައެވެ. މިމީހާ ހައްޔަރުކޮށް، މިމީހާ ދިރިއުޅޭގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމައްވެސް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކ. ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތުވަނީ ދީފައެވެ.
މި ދެމައްސަލަ ވެސް ކާށިދޫ ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.




