ފެނަކައާ ގުޅޭގޮތުން ދައްކަނީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް: ފެނަކަ

ކަންކަން ސިއްރުކުރުމަކީ މިހާރުގެ މެނޭޖްމަންޓުން ގެންގުޅޭ އުސޫލުތަކާ ބީރައްޓެހި ކަމެއް ކަމަށާއި، ފެނަކައާ ގުޅޭގޮތުން އޭސީސީ އާ ޙަވާލާދީ ފަތުރަމުންދާ ވާހަކަތަކަކީ ޙަޤީޤަތާ ހިލާފަށް ފަތުރަމުންދާ ވާހަކަތަކެއް ކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.

ފެނަކަ އިން މިހެން ބުނެފައިވަނީ "ދެ ކުންފުންޏެއްގެ ކޮރަޕްޝަން ޙާލަތު: ޒީރޯ ޓޮލަރެންސް ކޮބާ؟" މި ސުރުޚީގެ ދަށުން، "މިހާރު" ނޫހުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ހަވާލާދީ ޝާއިރުކޮށްފައިވާ ރިޕޯޓަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

ފެނަކަ އާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތައް ދުވަހެއް ދުވަހުން އިތުރުވަމުންދާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. މައްސަލަތައް އިސްލާހު ކުރަން އޭސީސީއިން އެންގިނަމަވެސް އެކަމަށް ބަދަލެއް ފެނިގެން ގޮސްފައި ނުވާ ކަމަށް އެ ރިޕޯޓުގައި ބުނެއެވެ.

މި ރިޕޯޓަށް ރައްދު ދިނުމަށް މިއަދު ފެނަކަ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުދަލާއި ހިދުމަތް ހޯދުމުގައި އަމަލު ކުރާ ގަވާއިދު ވަނީ 2018 ވަނަ އަހަރު ޑިރެކްޓަރުންގެ ބޯޑުން ބަދަލުކޮށްފައި ކަމަށެވެ. އެއީ ފެނަކަ އާ ފަހުން ހަވާލުވި ޑިރެކްޓަރުންގެ ބޯޑުން ނިންމި ނިންމުމެއް ކަމަށް ފެނަކަ އިން ވަނީ ބުނެފައެވެ.

އެ ކުންފުނިން ބުނީ މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރާ ޤަވާއިދުގައި ރާއްޖޭން ބޭރުން މުދަލާއި ޚިދުމަތް ހޯދުމުގައި ޢާންމު ބިޑު އުސޫލުން އިޢުލާންނުކޮށް ކުރިއަށްގެންދެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކޮށްފައި ނުވާކަމަށް އޭސީސީން ފާހަގަކުރި ނަމަވެސް އެ ޤަވާއިދުގެ ދަަށުން ރާއްޖެއިން ބޭރުން މުދަލާއި ޚިދުމަތެއް ހޯދާއިރުމަދުވެގެން ފަސް ފަރާތަކަށް ކޯޓޭޝަން ހޯދަން ފޮނުވާންވާނެކަމަށް ބަޔާންކޮށް، މަދުވެގެން ތިން ފަރާތެއްގެ ކޯޓޭޝަން ލިބުމުން ދިހަ މިލިއަން ރުފިޔާގެ މުޢާމަލާތްއޭރަކު ކުންފުނި ހިންގެވުމާއި ހަވާލުވެހުރި ފަރާތެއްގެ ހުއްދައާއެކު ކުރިއަށް ގެންދެވިދާނެ ކަމަށް ބަޔާންކޮށްފައި އޮތް އޮތުން، މިހާރުގެ ޑިރެކްޓަރުންގެ ބޯޑުންބަދަލުކޮށްފައިވާ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަން ގެ ޖަވާބު:

1. ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރާ ޤަވާއިދު 2015 ގައި 3001 (ތިން ހާސް) ރުފިޔާއިން 225،000 (ދެލައްކަ ފަންސަވީސް ހާސް) ރުފިޔާއާއި ދެމެދުގެ މުޢާމަލާތެއްނަމަ އެ މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދޭ ތިން ފަރާތެއްގެ ކޯޓޭޝަން ހޯދުމައް އޮތްއޮތުން، 26 ޖޫން 2018 ގައި ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުން، 10،000،000 (ދިހަ މިލިއަން) ރުފިޔާއަށް މަތި ކުރަން ނިންމާފައިވާއިރު، އެ ނިންމުން 2018 ޑިސެމްބަރގައި ފެނަކަ މެނޭޖްމަންޓާއި އަލަށް ހަވާލުވި ޑިރެކްޓަރުންގެ ބޯޑުންވަނީ އިސްލާހުކުރައްވާފައެވެ.

2. ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރާ ޤަވާއިދުގައި ރާއްޖޭން ބޭރުން މުދަލާއި ޚިދުމަތް ހޯދުމުގައި ޢާންމު ބިޑު އުސޫލުން އިޢުލާންނުކޮށް ކުރިއަށް ގެންދެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކޮށްފައި ނުވާކަމަށް ކޮމިޝަނުން ފާހަގަކޮށްފައިވާއިރު، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރާ ޤަވާއިދު 2015 ގެ 3.6 ވަނަ މާއްދާގައި، ރާއްޖެއިން ބޭރުން މުދަލާއި ޚިދުމަތެއް ހޯދާއިރު މަދުވެގެން 05 ފަރާތަކަށް ކޯޓޭޝަން ހޯދަން ފޮނުވާންވާނެކަމަށް ބަޔާންކޮށް، މަދުވެގެން 03 ފަރާތެއްގެ ކޯޓޭޝަން ލިބުމުން 10،000،000 (ދިހަ މިލިއަން) ރުފިޔާގެ މުޢާމަލާތް އޭރަކު ކުންފުނި ހިންގެވުމާއި ހަވާލުވެހުރި ފަރާތެއްގެ ހުއްދައާއި އެކު ކުރިއަށް ގެންދެވިދާނެކަމަށް ބަޔާންކޮށްފައި އޮތް އޮތުން، 01 އޮގަސްޓް 2019 ގައި 2018 ޑިސެމްބާރގައި އަލަށް އެކުލަވާލެވުނު ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މިހާރުގެ ޑިރެކްޓަރުންގެ ބޯޑުން ވާނީ ބަދަލުގެނެސްފައެވެ.

އެގޮތުން ގެނެވިފައިވާ ބަދަލުތަކުގެ ތެރޭގައި 225،000 (ދެލައްކަ ފަންސަވީސް ހާސް) ރުފިޔާއިން ފެށިގެން 5،000،000 (ފަސް މިލިއަން) ރުފިޔާގެ މުޢާމަލާތެއްނަމަ އެ މުޢާމަލާތެއް ކުރިއަށް ގެންދާނީ ޑައިރެކްޓް ޕާރޗޭސް ކޮމިޓީއިން އިވެލުއޭޓްކޮށް ފާސް ކުރެވިގެންކަމާއި، އަދި 5،000،000 (ފަސް މިލިއަން) ރުފިޔާއިން ފެށިގެން މަތީ މުޢާމަލާތެއް ނަމަ އެ މުޢާމަލާތެއް ކުރިއަށް ގެންދާނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ހުއްދަ ލިބިގެންކަމުގައި ވާނީ މުދަލާއި ޚިދުމަތް ހޯދުމުގައި އަމަލުކުރާގެ ގޮތުގެ ޤަވާއިދު އިސްލާހުކުރެވިފައެވެ.

ފެނަކައިގެ މިހާރުގެ ޑިރެކްޓަރުންގެ ބޯޑުން މި އިސްލާހު ގެނެސްފައިވާނީ، ވަގުތާއި ހާލަތަށްބަލައި އަދި އެ ކުންފުނިން ފޯރުކޮށްދެވެމުންދާ ހިދުމަތުގެ ބާވަތަށްބަލައިގެން މެދުނުކެނޑި ރައްޔިތުންނަށް އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގައި ކުރަންޖެހޭ މުޢާމަލާތްތައް އިދާރީ ހުރަސްތަކެއްނެތި، ފަސޭހައިން މުދަލާއި ހިދުމަތް ހޯދުމުގެ ބޭނުމުގައި ކަމަށް އެކުންފުނިން ބުނެއެވެ. އަދި މި ނިންމުންތަކުންވެސް، ކުންފުނިން ނިންމާ ބޮޑެތި ނިންމުންތައް ނިންމުމުގެ ބާރު އެންމެ ފަރާތަކަށް ދިނުމުގެ ބަދަލުގައި، އެއަށްވުރެ ހަރުދަނާ އުޞޫލުތަކަކަށް ބަދަލުކުރެވިފައިވާކަން ސާފުވާނެ ފެނަކައިން ވިދާޅުވިއެވެ.

އިސްވެ ބަޔާންކުރެވުނު ކަންކަމުގެ އިތުރުންވެސް، ފެނަކައަށް ތުހުމަތު ކުރެވޭ ގޮތަށް އެހެން ފަރާތަކާ ޙަވާލާދެއްވާފައި ވިޔަސް ލިޔުއްވުމުގެ ކުރިން، ކަމާގުޅޭ ތަފްޞީލް މި ކުންފުނިން ހޯއްދެވުމަށްފަހު، ކަމުގެ ޙަގީގަތް ކިޔުންތެރިންނަށް ސާފުވާނެ އުޞޫލަކުން މަޢުލޫމާތު ޢާންމު ކުރެއްވުމަށް ފެނަކައިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ