ކޮވިޑް-19ގެ ހާލަތުގެ ސަބަބުން، ހއ. ބާރަށުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވާލުތައް އިތުރަށް ވަރުގަދަ ކޮށްފިއެވެ.
ބާރަށުން ކޮވިޑް-19 އަށް މިހާތަނަށް 31 މީހަކު ޕޮޒިޓިވްވެފައިވާއިރު، ބާރަށުގައި ކަރަންޓީނުގައި ހުރި ނުވަ މީހަކު ރިލީސް ސާމްޕަލް އިން ކޮވިޑް-19 އަށް ޕޮޒިޓިވުވެ ރަށުގެ ބަޔެއް މީހުން އެ ނުވަ މީހުންނާއި ކޮންޓެކްޓުވެފައިވާއިރު، ބައެއް ޑައިރެކްޓް ކޮންޓެކްޓުންވެސްވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާރު ޕޮޒިޓިވްވަމުންދަނީ ޕޮޒިޓިވްވި ޑައިރެކްޓް ކޮންޓެކްޓުންގެ ޑައިރެކްޓް ކޮންޓެކްޓުންނެވެ.
ބާރަށު ކައުންސިލްގެ ނައިބު ރައީސް ޢަލީ ޝަމީމް އާއި ހަވާލާދީ އޮންލައިން ނޫސް ''ތިލަދުން''ގައި ރިޕޯޓް ކޮށްފައިވަނީ، ބާރަށުގެ ހާލަތު މިވަގުތު އޮތްގޮތުން އިތުރު ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.
މިގޮތުން އެ ރަށުގެ ފިހާރަ، ކެފޭ، ރެސްޓޯރެންޓް އަދި ހޮޓާތައް މިއަދުން ފެށިގެން ބަންދުވާނެ ކަމަށާއި، މިއަދުން ފެށިގެން އެތަންތަނުން ދޭނީ ޑެލިވަރީގެ ޚިދުމަތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ބާރަށުން ކޮވިޑް-19 ކޭސްތަކެއް ފެނުމާއި ގުޅިގެން މާރިޗް 2 ވަނަ ދުވަހުން ފެށިގެން އެރަށަށް އަދިވެސް އޮތީ ފުރަބަންދުގެ ހާލަތުގައެވެ.