މަސްތުވާތަކެއްޗާއެކު ހިރިލަންދޫން ދެމީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ތ. ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއިއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މިމައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މިދެމީހުން ހައްޔަރުކޮށްފައިވަނީ ހިރިލަންދޫގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޖޫން 11 ވަނަ ދުވަހުގެ 19:00 ހާއިރު ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

"މިއޮޕަރޭޝަނުގައި މިމީހުން ހައްޔަރުކޮށް މިމީހުން ދިރިއުޅޭ ގެ، އެގޭގެ ވެރިފަރާތުގެ ހުއްދައާއެކު ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު  ޕެކެޓާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކަރުދާސްކޮޅަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 10 ހޮޅިކޮޅު ފެނިފައިވޭ." ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ތ. ވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 31 އަހަރުގެ މީހާއަށް ފަސްދުވަހުގެ މުއްދަތު އަދި 38 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މިމައްސަލަ ތ. ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް