ހޯމް މިނިސްޓަރ އިމްރާންގެ ޖިންސީ ފުރައްސާރައިގެ ޝަކުވާއެއް ލިބިވަޑައިގަތްފައި ނެތްކަމަށާއި، އެފަދަ ކަމެއް އުޅޭތޯ ބައްލަވާނެކަމަށް ރައީސް ޞޯލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞޯލިޙް މިހެން ވިދާޅުވީ، ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްވަމުން ދާދި ދެންމެއެވެ.
ރައީސް މިހެން ވިދާޅުވީ، ހޯމް މިނިސްޓަރ އިމްރާން އަންހެން ފުލުހަކަށް ޖިންސީ ފުރައްސާރަކުރިކަމުގެ ތުހުމަތު ކުރެވެމުންދާ ކަމަށާއި، އެ ކަނބަލަކު ގިނަ މީޑިއާތަކަކަށް އިންޓަވިއުވެސް ދެއްވާފައިވާކަމަށް އަދި މަގުމަތިން މިނިސްޓަރ އިމްރާންއަށް އެކަމާއި ގުޅިގެން ދިމާކޮށްފައިކަން ފާހަގަކުރައްވައި، އޮންލައިން ނޫސް "ދެން" ގެ ނޫސްވެރިޔަކު ރައީސް ޞޯލިޙްއާއި ސުވާލިކުރެއްވުމުންނެވެ.
އެ ނޫސްވެރިޔާ ސުވާލުކުރެއްވީ، އެ މައްސަލައިގައި ތުހުމަތު ކުރާ އަންހެން ފުލުސްމީހާ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށާއި، މި މައްސަލަ ރައީސްގެ ސަމާލުކަމަށް އައިސްފައިވޭތޯއާއި އެ މައްސަލަ ބައްލަވަމުން ގެންދޭތޯއެވެ.
"ތި މައްސަލައެއް އަޅުގަނޑާ ހިސާބަށް އެއްވެސް ފަރާތަކުން އައިސްފައެއް އަދި ނެތް އިނގޭތޯ. އަޅުގަނޑު ބަލާނަން ތިކަލަ ކަމެއް ހިނގާފައިވޭތޯ." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވެފައިވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރުގެ މައްސަލަ ޕޮލިހުން ޕީޖީއަށް ފޮނުވައި އެ މައްސަލަ ޝަރީއަތާއި ހިސާބަށް ގޮސްފައި އޮއްވައި، މިހާރު އަލީ ވަހީދަށް ޞިއްޙީ ކަންތައްތަކެއް ދިމާވެ، ކޯޓުން ހުއްދަދެއްވައިގެން ރާއްޖެއިން ބޭރުގައި ހުންނެވިކަމަށާއި، އެހެންކަމުން އެ މައްސަލަ ޕީޖީއިން އަލުން ހައިކޯޓަށް ހުށަހަޅައިގެން މިހާރި ކުރިއަށްދާ ކަމަށެވެ.
ޢަލީ ވަހީދު ފްރޭމް ކުރީކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، އެކަން ހާމަވާނީ ފުލުހުންގެ ތަޙްޤީޤުން ކަމަށާއި، މިހާރު އެ މައްސަލަ ކުރިއަށްދަމޯ ފްރޭމްކުރީކަމަށް ބަލައިގެން ނޫން ކަމަށެވެ.




