އެސްޓްރަޒެނަކާ ވެކްސިން ދިނުން ހުއްޓާލަންޖެހޭ ސަބަބެއް ނެތް: ދުނިޔޭގެ ސިއްހަތު ޖަމިއްޔާ

އޮކްސްފޯޑް ޔުނިވާސިޓީއާއި އެސްޓްރަޒެނަކާ ކޮންފުނިން ގުޅިގެން އުފެއްދި ކޮވިޑް-19 ވެކްސިން ދިނުން ހުއްޓާލަންޖެހޭ ސަބަބެއް ނެއްކަމަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ ޑަބުލިޔުއެޗްއޯ އިން ވިދާޅުވެއްޖެއެވެ.

ޑަބުލިޔުއެޗްއޯ އިން މިހެން ވިދާޅުވެފައި މިވަނީ ދުނިޔޭގެ ބަޔެއް ގައުމުތަކުން ހާއްސަކޮށް ވިލާތުގެ ގައުމުތަކުން މި ވެކްސިން ބޭނުންކުރާ މީހުންގެ ލޭގަނޑުވާކަމަށް ޝައްކުކުރެވިގެން ވެކްސިން ދިނުން ވަގުތީގޮތުން ހުއްޓާލަމުންދާ ދަނޑިވަޅެއްގައެވެ.

މިގޮތުން މި ވެކްސިން ދިނުން ވަގުތީގޮތުން ހުއްޓާލި ގައުމުތަކުގެ ތެރޭގައި އޮސްޓްރިއާ، ޑެންމާކް، ތައިލޭންޑް، ކެމްބޯޑިއާ، ލިތުއޭނިއާ، ބަލްގޭރިއާ، ނޯވޭ، އިޓަލީ އަދި އައިސްލޭންޑް ހިމެނެއެވެ.

ޑަބުލިޔުއެޗްއޯ އިން މިއަދު ބޭއްވި މީޑިއާ ބުރީފިންއެއްގައި އެ ޖަމާއަތުގެ ތަރުޖަމާނަކު ވިދާޅުވެފައިވަނީ، ބަޔެއް ފަރާތްތަކުގެ ލޭގަނޑުވުމާއި ވެކްސިނާއި ގުޅުމެއް ނެތްކަމަށާއި ވެކްސިނަކީ އިންސާނުންނަށް ދިނުމަށް ރައްކާތެރި ވެކްސިނެއްކަމަށެވެ.

މިހާތަނަށް ވިލާތުގެ ގައުމުތަކުން ފަސް މިލިއަނަށްވުރެ ގިނަ މީހުންނަށް އެސްޓްރަޒެނަކާ ވެކްސިންވަނީ ދީފައެވެ. މިތަނުން ވެކްސިން ދިންފަހުން ލޭގަނޑުވުމުގެ މައްސަލަ ދިމާވިކަމަށް ރިޕޯޓުކޮށްފައިވަނީ 30 މީހުންނެވެ. މި 30 މީހުންނަށްވެސް މި ސިއްހީ މައްސަލަ ދިމާވެފައިވަނީ ވެކްސިނުގެ ސަބަބުންކަން އަދިވަނީ ކަށަވަރު ނުކުރެވިއެވެ.

އެސްޓްރަޒެނަކާ ކުންފުނިން ބުނެފައިވަނީ ވެކްސިންގެ ކުލިނިކަލް ޓްރެއިލްގައި ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކޮށްފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ