އިންޑިއާގެ ނާގްޕޯރް ސިޓީ ލޮކްޑައުންކުރަނީ

ކޮވިޑް-19ގެ ކޭސްތައް އިތުރުވާން ފެށުމާއި ގުޅިގެން އިންޑިއާގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ ނާގްޕޯރް ލޮކްޑައުން ކުރުމަށް ނިންމައިފިއެވެ.

ނާގްޕޯރް ލޮކްޑައުން ކުރުމަށް ނިންމައިފައިވަމީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އެއް ހަފްތާގެ މުއްދަތަށެވެ. މިއީ މިފަހުގެ ތާރީހެއްގައި މިހާ ބޮޑު ސިޓީއެއް ކޮވިޑް-19 އާއި ގުޅިގެން އިންޑިއާގައި ލޮކްޑައުންކުރާ ފުރަތަމަ ފަހަރެވެ.

ނާގްޕޯރް ސިޓީ ހިމެނޭ މަހާރަސްތުރަ ސްޓޭޓަކީ ކޮވިޑް-19 އިންޑިއާއިން ފެނުނު ދުވަހުން ފެށިގެން ކޮވިޑް-19ގެ ހޮޓްސުޕޮޓެކެވެ. މިގޮތުން އެންމެ ގިނަ އަދަދަކަށް ކޮވިޑް-19 އަށް މީހުން ޕޮޒިޓިވުވެފައިވަނީ މި ސްޓޭޓުންކަން ފާހަގަ ކޮށްލެވެއެވެ.

މިހާތަނަށް މުޅި އިންޑިއާއިން 11 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު މީގެތެރެއިން މަރުވި މީހުންގެ އަދަދަކީ 157،000 އެވެ.

ފާއިތުވެދިޔަ މަސްތަކުގައި އިންޑިއާގައި ކޮވިޑް-19ގެ ކޭސްލޯޑުވަނީ ވަރަށްބޮޑުތަނުން ދައްވެގެން ގޮސްފައެވެ. ނަމަވެސް މަހާރަސްތުރަ ސްޓޭޓް ހިމެނޭހެން 6 ސްޓޭޓަކުން އަނެއްކާވެސްވަނީ ކޮވިޑް-19ގެ ކޭސްތައް އިތުރުވާން ފަށައިފައެވެ.

ސައިންޓިސްޓުން ގަބޫލުކުރާ ގޮތުގައި ކޮވިޑް-19ގެ ކޭސްތައް ބަޔެއް ހިސާބުތަކުގައި އަނެއްކާވެސް އިތުރުވާން ފަށައިފައި މިވަނީ ކޮވިޑް-19ގެ އާ ވޭރިއެންޓުގެ ސަބަބުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ