ދިކޮޅު ކޯލިޝަން ހިންގެވުމާއި ވަގުތީ ގޮތުން ހަވާލެހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲގެ އިތުރުން މިއަދު މުޒާހަރާގެ ތެރެއިން ޙައްޔަރުކުރި ހުރިހާ އަންހެނުން ދޫނިދޫއަށް ގެންގޮސްފިއެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޗީފް ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވީ، މިއަދުގެ މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ފަރާތްތަކުގެ ތެރެއިން އިދިކޮޅު ކޯލިޝަން ހިންގެވުމާއި ވަގުތީ ގޮތުން ހަވާލެހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) އާއި މިއަދު މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހުރިހާ އަންހެނުންވެސް މިހާރު ދޫނިދޫއަށް ގެންގޮސްފައިވާކަމަށެވެ.
އެގޮތުން އަދުރޭއާއެކު، އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ 7 އަންހެނަކު ދޫނިދޫއަށް ގެންގޮސްފައިވާކަމަށް ހީނާ ވިދާޅުވިއެވެ. މީގެއިތުރުން ދޫނިދޫއަށް ގެންދިޔަ މީހުންގެ ތެރޭގައި ހިމެނެނީ ހުޅުމާލެ ސްޓިއަރިންކޮމިޓީގެ ނައިބު އަބްދުއްސަމަދެވެ.
މިއަދުގެ މުޒާހަރާތެރެއިން ޖުމްލަ 24 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އޭގެތެރެއިން އެކަކުވަނީ ދޫކޮށްލާފައެވެ. އަދި 9 މީހަކު ދޫނިދޫއަށް ގެންގޮސްފައިވާއިރު، ބާކީތިބި މީހުން އަދިވެސް ތިބީ އަތޮޅުވެހީގައި ކަމަށް އިދިކޮޅު ކޯލިޝަނުން މަޢުލޫމާތުދެއެވެ.
އިދިކޮޅު ކޯލިޝަނުން ސިލްސިލާކޮށް މާލޭގައި މިހާރު ކުރިޔަށް މުޒާހަރާތަކުގައި މީގެ ކުރިންވެސް އަދުރޭ އައި ކޯލިޝަންގެ އިސްފަރާތްތައް ވަނީ ހައްޔަރު ކޮށްފައެވެ. ވެރިރަށް މާލޭގައި އިދިކޮޅު ކޯލިޝަނުން "މަގޭ ފްލެޓް ކޮބާ"ގެ ނަމުގައި ސިލްސިލާކޮށް މުޒާހަރާކުރަމުން އަންނައިރު ފްލެޓް ގެއްލުނު މީހުންނަށް ހައްގު ހޯދައި ދިނުމުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިިނިވަންކުރަމަށްވަނީ ގޮވާލާފައެވެ.