ސްރީލަންކާގެ އާންމު ތަންތާގައި ބުރުގާ އެޅުމާއި އަދި މޫނު ނިވާވާފަދަ ހެދުންތައް އެޅުން މަނާކުރުމަށް އެގައުމުގެ ސަރުކާރުން މަސައްކަތް ފަށައިފިއެވެ.
ޕަބްލިކް ސެކިއުރިޓީ މިނިސްޓަރ ސަރާތް ވީރަސެކެރާާ ބީބީސީ އަށް މައުލޫމާތުދެމުން ވިދާޅުވީ، ބުރުގާ އެޅުން މަނާކުރުމުގެ ކެބިނެޓް އޯޑާރ އެއްގައި މިހާރު ސޮއިކޮށްފައިވާ ކަމަށާއި ހަމައެކަނި މިހާރު އެކަމަށް ބޭނުންވަނީ ޕާރލަމެންޓުގެ ހުއްދަ ކަމަށެވެ.
ސްރީލަންކާގެ އޮފިޝަލުން މައުލޫމާތުދޭގޮތުގައި އާންމު ތަންތާގައި ބުރުގާ އެޅުމާއި އަދި އެނޫންވެސް މޫނު ނިވާވާފަދަ ހެދުންތައް އެޅުން ސްރީލަންކާގައި ވަރަށް ކައިރި މުސްތަގުބަލެއްގައި މަނާކުރެވިގެންދާނެއެވެ.
ސްރީލަންކާގައި މޫނު ނިވައިކޮށް ބުރުގާ އެޅުން މަނާކުރުމުގެ މަސައްކަތް ފަށައިފައި މިވަނީ، 2019 ވަނަ އަހަރުގެ އޭޕްރީލްމަހު ސްރީލަންކާގެ ފައްޅިތަކަކަށާއި އަދި ފަތުރުވެރިންނަށް ހާއްސަ ހޮޓާތަކަކަށް ދިން ޓެރަރިސްޓް ހަމަލާތައް ދެއަހަރުދުވަސް ފުރެން ކައިރިވެފައި ވަނިކޮށެވެ. މި ހަމަލާތަކުގައި 250 ވުރެ ގިނަމީހުންވަނީ މަރުވެފައެވެ.
މި ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެން ސްރީލަންކާއިން އެދުވަސްކޮޅުވެސްވަނީ ވަގުތީގޮތުން މޫނުނިވާކޮށްގެން ހެދުންއެޅުން މަނާކޮށްފައެވެ. ސްރީލަންކާއަކީ މެޖޯރިޓީ ބުޑިސްޓުން އުޅޭ ގައުމެކެވެ.
ސްރީލަންކާގައި އިއްޔެ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރާތް ވީރަސެކެރާ ވިދާޅުވެފައިވަނީ، ބުރުގާ އެޅުމަކީ ދީނީ ހައްދުފަހަނައަޅައި ދިއުން ކަމަށާއި އަދި މިކަމަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށެވެ.



