ހއ. ދިއްދޫ ކައުންސިލުން ބާއްވާ ފުޓްބޯޅަ މުބާރާތުގެ މެޗެއް ހޫނުވެ ހިނގި ތަޅާފޮޅުމަށް ފަހު އެކަމުގައި ބައިވެރިވި ދެ ޓީމު ޑިސްކޮލިފައި ކުރަން އެދި އެ ރަށު ކައުންސިލް އިދާރާ ކައިރީ މިރޭ މުޒާހަރާ ކުރަމުން އެބަ ދެއެވެ.
މުޒާހަރާގެ ކުރިން ޓީމްތައް ކައުންސިލަށް ދިޔައީ މުބާރާތް އިތުރަށް ކުރިއަށް ގެންދިއުުމާ މެދު މަޝްވަރާ ކުރުމަށަށެވެ. ނަމަވެސް ތަޅާފޮޅި ދެ ޓީމް ޑިސްކޮލިފައި ނުކުރަން ކައުންސިލުން ނިންމުމުން މަޝްރަހު ހޫނުވެ މުޒާހަރާއަކަށް ބަދަލުވީކަމަށް އެރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.
އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަން 200 އަށް ވުރެ ގިނަ މީހުން ކައުންސިލްގެ އިދާރާ ކައިރިއަށް އެއްވި ކަމަށާއި، އެ މީހުން އެއްވެ ތިއްބައި ހޫނުވި މެޗުގައި ކުޅުނު ޓީމެއްގެ ކުޅުންތެރިންނާއި ސަޕޯޓަރުން ކައުންސިލް އިދާރާގެ ތެރެއަށް ވަދެގަތީ ކަމަށް އެރަށުން ވާހަކަ ދެއްކި ބައެއް ފަރާތްތަކުން ބުންޏެވެ.
ކޮންޓްރޯލް ކުރުމަށްޓަކައި ފުލުހުން ކައުންސިލްގެ އިދާރާއަށް ވަދެ، ކައުންސިލް އިދާރާ ތެރެއަށް ވަދެގަތް މީހުން ދުރަށް ލާފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
އެނގިފައިވާ ގޮތުގައި މުބާރާތުގެ ގަވައިދު ވެސް ތަންދޭތީ ރެފްރީންގެ ކޮމިޓީން ކުރިން ނިންމާފައި އޮތީ ތަޅާފޮޅި ދެ ޓީމާ ނުލާ މުބާރާތް ކުރިއަށް ގެންދާށެވެ. ނަމަވެސް ކައުންސިލުން އެގޮތް ބޭނުން ނުވެ ފަހުން ނިންމާފައިވަނީ އެ ދެ ޓީމުވެސް ހިމަނައިގެން މުބާރާތް ކުރިއަށް ގެންދިއުމަށެވެ.
ފުޓްބޯޅަ މެޗު ހޫނުވެ، ދިއްދޫގައި މިދިޔަ ހޯމަ ދުވަހު ހިނގި އެ ހަމަނުޖެހުންތަކުގައި ދެ ޓީމުގެ ކުޅުންތެރިންގެ ދެމެދުގައި މާރާމާރީ ހިންގުމުގެ އިތުރުން މެޗް ކުޅުނު ދަނޑުގެ ޓާފު ވެސް ވަނީ ހަލާކުކޮށްލައިފަ އެވެ. އަދި މެޗު އޮފިޝަލުން ތިބޭ ބެންޗަށް ވެސް ގެއްލުން ދިނެވެ.
ދިއްދޫ ކައުންސިލަށް ގުޅޭގޮތް ވެފައި ނުވާތީ އެ ކައުންސިލްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.



