ހއ. ދިއްދޫ

ކޮވިޑް-19: ދިއްދޫގައި ކާފިއު ހިންގައި ސްކޫލާއި ކްލާސްތަކަށް ކިޔަވަން ފޮނުވުން މަނާކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ހއ.ދިއްދޫގައި ސްކޫލާއި ޓިއުޝަން ކްލާސްތަކަށް އެހެނިހެން ކިޔަވައިދޭ ތަންތަނަކަށް ދަރިވަރުން ފޮނުވައިގެން ކިޔަވައިދިނުން މަނާކޮށްފިއެވެ.

ދިއްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައިވަނީ، އެރަށުގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ޞިއްޚީގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން 20 ޖަނަވަރީ 2022 ގައި ދިއްދޫ މޮނިޓަރިންގ އަށް ލާފައިވުމުން، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.

"ޓިއުޝަން ކުލާސްތަކާއި، ކިޔަވައިދޭ އެހެނިހެންތަންތަނަށް ކުދިން ޚާސިރުކޮށްގެން ކިޔަވައި ދިނުން ހުއްޓާލުން އަދި ސުކޫލް މަދަރުސާފަދަ ތަންތަނުގައި ގުރޭޑް 7 އިން ދަށުގެ ކުދިން ޚާޟިރުކޮށްގެން ކިޔަވައި ދިނުން ހުއްޓާލުން." އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ދިއްދޫ ކައުންސިލުން ހިމަނާފައިވެއެވެ.

ދިއްދޫ ކައުންސިލުން އަޅަން ނިންމާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި އެއްވެސް ބޭފުޅަކު އެއްގެއިން އަނެއްގެއަށް ޒިޔާރަތް ނުކުނުކުރުން އެންގުމާއި، ފިހާރަތަކާއި ރެސްޓޯރެންޓް ފަދަ ތަންތަނަށް އެއްފަހަރާ ވަދެވޭނެ ޢަދަދެއް ކަނޑައަޅައި، އެ ތަންތަނުގެ އެތެރޭގަ އާއި ބޭރުގައިވެސް ގައިދުރުކަން ބެހެއްޓޭނެގޮތަށް އިންތިޒާމްތައް ހަމަޖެއްސުމާއި، ސެލޫންތަކާއި، ބޯކޮށާ ތަންތަން ރޭގަނޑު 9 ގެ ފަހުން ޚިދުމަތް ދިނުން ހުއްޓާލުމާއި، ހޮޓާ ރެސްޓޯރެންޓްތަކުން އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް މީހުން ތިބެވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ.

މީގެ އިތުރުން ފިހާރަތަކުން ކަނޑައަޅާ ޢަދަދަށް ކަސްޓަމަރުން ވައްދައިގެން ޚިދުމަތް ދިނުމާއި، ފިހާރަތަކާއި ވިޔަފާރިކުރާ އެހެނިހެން ތަންތަންވެސް ރޭގަނޑު 9:00 ގެ ފަހުން ބަންދުކޮށްފައި ބެހެއްޓުމާއި، ރޭގަނޑު 9:00 އިން 10:00 އާ ހަމައަށް ޑެލިވަރީގެ ޚިދުމަތް ދިނުމުގެ އިތުރުން ހޮޓާ / ރެސްޓޯރެންޓްތައް ރޭގަނޑު 9:00 އާ ހަމައަށް ޚިދުމަތް ދިނުމާއި، ރޭގަނޑު 9:00 އިން 12:00 އަށް ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތް ދިނުމަށް ދިއްދޫ ކައުންސިލުން ވަނީ އަންގާފައެވެ.

"ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް އެއީ ކާފިއުގެ ވަގުތު ކަމުގައި ހަމަޖައްސާ އެވަގުތުތަކުގައި ގެއިން ބޭރަށް ބޭފުޅަކު ނުދިއުމަށާއި އަދި ހުއްދަ ދީފައިވާ އެއްގަމު އުޅަނދުތައް ފިޔަވާ އެހެން އުޅަނދުތައް ދުއްވުން ހުއްޓާލަން" ދިއްދޫ ކައުންސިލުން ވަނީ އަންގާފައެވެ.

ހަމައެއާއެކު ދިއްދޫ އިން ކޮންމެހެން ފުރަންޖެހޭ އުޅަނދުފަހަރު ދިއްދޫ ކައުންސިލްގެ ހުއްދަ ހޯދުމަށްފަހު ފުރުމަށާއި، ޕާޓީތަކާއި ހަފްލާތަކާއި ބައްދަލުވުންތައް އަދި ކުޅިވަރުގެ ޙަރަކާތްތައް ކުރިއަށް ނުގެންދިއުމާއި ޕާކުތަކާއި ހޮޅުއަށިތަކާއި ޖޯލިފަތިތަކުގައި މީހުން އެއްވެ ތިބުން މަނާކުރުމަށްވެސް އެ ކައުންސިލުން މިއަދު ވަނީ ނިންމާފައެވެ.

ހއ. ދިއްދޫގެ އެކްޓިވް ކޭސްތަކުގެ އަދަދު 109 ގައި ހުރިއިރު، ނަތީޖާ ނުލިބޭ ސާމްޕަލްތަކުގެ އަދަދު އަދިވެސް އުޅެނީ މަތީގައެވެ. އަދި އެވްރެޖްކޮށް ސާމްޕަލްތަކުގެ ނަތީޖާ ލިބެނީ 3 ދުވަސް ފަހުންކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ