އަންހެން ފަނޑިޔާރުންގެ ނިސްބަތް މިދިޔައަހަރުވަނީ ތިން އިންސައްތަ އިތުރުވެފައި

2019 ވަނަ އަހަރާއި އަޅާބަލާއިރު ނިމިދިޔަ 2020 ވަނަ އަހަރު އަންހެން ފަނޑިޔާރުންގެ ނިސްބަތް ތިން އިންސައްތަ އިތުރުވެފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އަހަރީ ރިޕޯޓުން ދައްކައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އަހަރީ ރިޕޯޓުގައި ފަނޑިޔާރުންގެ ވަޒީފާއާގުޅޭ ތަފާސްހިސާބު ހާމަކޮށްފައިވާއިރު މި ތަފާސްހިސާބުގައި ބުނެފައިވަނީ، 2019 ވަނަ އަހަރާއި އަޅާބަލާއިރު އަންހެން ފަނޑިޔާރުންގެ ނިސްބަތްވަނީ ފަސް އިންސައްތައިން އަށް އިންސައްތައަށް އިތުރު ކުރެވިފައި ކަމަށެވެ.

2020 ވަނަ އަހަރު ނިމުނުއިރު މުޅި ޖުމްލަ ތިބި ފަނޑިޔާރުންގެ އަދަދަކީ 188 އެވެ. މީގެތެރެއިން އަންހެން ފަނޑިޔާރުންގެ އަދަދަކީ 15 އެވެ.

2020 ވަނަ އަހަރު ހަތަރު ފަނޑިޔާރުން ރިޓަޔަރ ކުރިއިރު، ނުވަ ފަނޑިޔާރަކުވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދީފައެވެ. އަދި ދެ ފަނޑިޔާރަކުވަނީ ފަނޑިޔާރިކަމުން ވަކިކުރެވިފައެވެ.

ފަނޑިޔާރުކަމުން ވަކިކުރެވުނު ފަނޑިޔާރުންނަކީ، ޖުވެނައިލް ކޯޓުގެ ގާޒީ އަލްއުސްތާޒް އަބްދުލްބާރީ ޔޫސުފް، އަދި ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ގާޒީ އަލްއުސްތާޒް އަބްދުއްރައްޒާގް މުހައްމަދުއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނުގެ 21 ވަނަ މާއްދާގައި ހިމެނޭ މަސްއޫލިއްޔަތާއި ބާރުތަކުގެ ތެރެއިން އެމާއްދާގެ (ހ) ގެ ދަށުން 22 ފަނޑިޔާރުންވަނީ އައްޔަން ކޮށްފައެވެ. މީގެ ތެރޭގައި ހަ އަންހެން ފަނޑިޔާރުން ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ