ތ. އަތޮޅު ފަޅުރަށެއްގެ ގޮނޑުދަށުން މަސްތުވާތަކެތި އަޅައިފައިވާ ދެކޮތަޅު ހޮވައިފިއެވެ.
ފުލުހުން މިރޭ ވިދާޅުވީ، ފިނޮޅު ކިޔާ މި ފަޅުރަށަށް ގޮސްއުޅުނު ބަޔަކަށް އެރަށު ގޮނޑުދަށުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ކޮތަޅު ފެނިފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 19:00 ހާއިރު ކަމަށާއި މި މައުލޫމާތާއި ގުޅިގެން ފުލުހުން އެރަށަށް ގޮސް އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މިނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނުނު ދެކޮތަޅަށް އަޅައިފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކުރިސްޓަލްމެތް ކަމަށް ޝައްކު ކުރެވެއެވެ. އަދި ދެކޮތަޅުތެރޭ މީގެ ހަތްވަރަކަށް ޕެކެޓު އޮތެވެ.
މީގެކުރިންވެސް ރާއްޖޭގެ ބަޔެއް ފަޅުރައްރަށުންވަނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނިފައެވެ.



