ރާމޯސް ކައިވެނީގެ ދަޢުވަތު ރޮނާލްޑޯއަކަށް ނުލިބުނު

ސާޖިއޯ ރާމޯސް އޭނާގެ ކައިވެނީގެ ހަފްލާގެ ދަޢުވަތު ރެއަލްމެޑްރިޑްގައި އެކުގައި 9 އަހަރު ހޭދަކުރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ދީފައިނުވާކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ރެއަލްމެޑްރިޑާއެކު ޖެހިޖެހިގެން 3 ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް ރެއަލްމެޑްރިޑް ދޫކޮށް ޔުވެންޓަސްއަށް ރޮނާލްޑޯ ބަދަލުވީ މިދިޔަ އަހަރުގެ ހޫނު މޫސުމުގައެވެ.

ރާމޯސްގެ ކައިވެނި ހަފްލާގެ ދަޢުވަތު ލިބުނު ފަރާތްތަކުގެ ތެރޭގައި ޑޭވިޑް ބެކަމް އާއި އޭނާގެ އަންހެނުން ވިކްޓޯރިއާ އަދި ޖެރާޑް ޕީކޭއާއި އޭނާގެ ދުވަސްވީ ޕާޓްނަރ ޝަކީރާވެސް ހިމެނެއެވެ.

ރާމޯސް އަދި ޕީލާ ރޫބިއޯ - ފޮޓޯ: ސްޓީމިޓް

ރާމޯސް އަދި ޓީވީ ޕްރެޒެންޓަރު ޕީލާ ރޫބިއޯ އާއި ދެމީހުންގެ ކައިވެނި މިހަފްތާ ބަންދުގައި ކުރުމަށް ހަމަޖެހިފައިވަނީ ސެވިއްޔާގައި ހުންނަ ޗާޗެއްކަމަށްވާ ކަތެޑްރަލް ޑި ސެވިއްޔާގައެވެ.

ބޭރު މީޑިއާތަކުގައި ވާގޮތުން މިކައިވެނީގެ ހަފްލާއަށް 500 މީހުންނަށްވަނީ ދަޢުވަތު އެރުވިފައެވެ. އަދި މިހަފްލާގައި މިއުޒިކް ހުށައަޅާ ދިނުމަށް އޮސްޓްރޭލިއާގެ މަޝްހޫރު ރޮކް ބޭންޑެއްކަމަށްވާ އޭސީ/ޑީސީ ވެސް ބުކް ކޮށްފައިވާކަމަށް ރިޕޯޓްތައް ބުނާއިރު ހަފްލާގެ ސެކުއިރިޓީ ކަންތައްތައް ބެލެހެއްޓުމަށް ސެކުއިރިޓީ ފާމެއްވެސްވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން މިހަފްލާގައި ދަންނަ ގިނަ މޫނުތަކެއްވެސް ފެނިގެންދާނެކަމަށް ލަފާކުރެވޭއިރު ރެއަލްމެޑްރިޑްގެ ކޯޗު ޒިދާންއާއި ރެއަލްމެޑްރިޑްގެ ރައީސް ޕެރޭޒް އޭގެ ތެރޭގައި ހިމެނެއެވެ.

ރެއަލްމެޑްރިޑްގެ ކުރީގެ ކީޕަރު ކަސިލަސްވެސް މިހަފްލާއިން ފެނިގެން ގޮސްދާނެކަމަށް ލަފާކުރެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ