ރާއްޖޭގެ އެތެރޭގެ ހުރިހާ މުޢާމަލާތްތަކެއް ދިވެހި ފައިސާއިން ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ބޭންކް ތަކަށް އަންގައިފިއެވެ.
އެމްއެމްއޭއިން ވަނީ ރާއްޖޭގައި ހިންގަމުން އަންނަ ބޭންކްތަކަށް އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވިސާ ކަޑުތައް މެދުވެރިކޮށް ރާއްޖޭގައި ކުރާ ހުރިހާ މުޢާމަލާތްތަކެއް ކުރަންވާނީ ދިވެހި ރުފިޔާއިން ކަމަށް އަންގާފައެވެ. އެގޮތުން ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައިވެސް ވިސާ ކާޑުމެދުވެރިކޮށް ހިންގާ މުއާމަލާތްތައް ހިންގަން ވާނީ ރުފިޔާއިން ކަމަށް އެމްއެމްއޭއިން ވަނީ އަންގާފައެވެ.
އެމްއެމްއޭއިން މިގޮތަށް ނިންމާފައިވައިރު، ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖެއަށް ބޭރު ފައިސާ ލިބުމުގައި ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ.
ދިވެހިރާއްޖެއަށް ބޭރުފައިސާ ލިބުމުގެ މައިގަނޑު ދޮރާއްޓަކީ ފަތުރުވެރިކަމުގެ ދާއިރާއެވެ. ކޮވިޑާ ގުޅިގެން ފަތުރުވެރިކަމަށް ވަނީ ވަރަށް ބޮޑު އަސަރެއްކޮށްފައެވެ.
ރާއްޖޭގައި ޑޮލަރު ލިބުން ދަތިވެ ޑޮލަރުގެ ބޮޑު ކަޅު ބާޒާރެއްވެސް ވަނީ އުފެދިފައެވެ. އެގޮތުން ކަޅު ބާޒާރުގައި ޑޮލަރުގެ އަފު19 ރުފިޔާއަށްވުރެ މައްޗަށް ދިޔަ ނަމަވެސް އެ އަދަދު މިހާރު ވަނީ ކޮންމެވެސް ވަރަކަށް ތިރިވެފައެވެ.
ރާއްޖޭގައި ދިމާވެފައިވާ ޑޮލަރުގެ ދަތިކަން ހައްލު ކުރުމަށްޓަކައި ސަރުކާރުން ވަނީ މީގެ ކުރިންވެސް ފިޔަވަޅުތަކެއް އަޅާފައެވެ. މީގެ އިތުރުން ރާއްޖެއިން ބެރުވާ ޑޮލަރު ހިފެހެއްޓުމަށްޓަކައި އެމްއެމްއޭއިވެސް ވަނީ ފިޔަވަޅު ތަކެއް އަޅާފައެވެ.



