އުތުރު ތިލަފަޅު ތަރައްޤީކުރުމަށް ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ އަސްލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެދިލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދައިރާގެ މެންބަރު އާދަމް ޝަރީފް އުމަރު މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ފޮނުވާފައިވާ ސިޓީއެއްގައި ވިދާޅުވުވެފައި ވަނީ އުތުރު ތިލަފަޅުގެ އެއްބަސްވުންކަމަށް ބެލެވޭ ލިޔުމެއް މީޑިއާތަކަށް ލީކްވެފައިވާކަމަށާއި، ލީކުވެފައިވާ މިއެއްބަސްވުމަށް ބަލާއިރު ޤައުމީ ސަލާމަތަށް ނުރައްކާ ވާފަދަ އަދި ޤައުމުގެ މިނިވަންކަމާ ސިޔާދަތަށް ނުރައްކާވާފަދަ ގިނަގުނަ ކަންތައްތަކެއް
ހުރިކަން ފާހަގަކުރެވޭކަމަށެވެ.
މީޑިއާތަކުގައި ދަޢުރުވަމުންދާ މި ލިޔުމުގައި ބުނާ ގޮތުން ރާއްޖޭގައި އިންޑިއާގެ ސިފައިންނަށް 60 އަހަރަށް ތިބެވޭނެއެވެ. އަދި އިންޑިއާ ސިފައިންނަށް ރާއްޖޭގައި ހަތިޔާރާއި އެނޫންވެސް ތަކެތި ގެންގުޅެވޭނެ ކަމަށް ލީކް ކޮށްލާފައިވާ ޑްރާފްޓް އެއްބަސްވުމުގެ ކޮޕީގައި ވަނީ ބުނެފައެވެ.
ނަމަވެސް ދަޢުރުވަމުންދާ ލިޔުމަކީ އަސްލެއްނޫންކަމަށާއި އެއީ ހަޤީޤަތާ ޚިލާފު ލިޔުމެއްކަމުގައި ޑިފެންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
އާދަމް ޝަރީފް އުމަރު ވިދާޅުވެފައި ވަނީ މި ލިޔުމުގައި ވާކަންތައްތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން އުފެދިފައިކަމަށެވެ. އެހެންކަމުން އުތުރުތިލަފަޅު ތަރައްޤީކުރުމަށް ދިވެހިސަރުކާރާއި އިންޑިޔާ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ އަސްލު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ލިބޭނެގޮތް ހައްދަވައިދެއްވުމަށް އާދަމް ޝަރީފް އުމަރު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީގައި އެދިލައްވާފައެވެ.
މީގެ އިތުރުން އުތުރު ތިލަފަޅު ތަރައްޤީކުރުމަށް ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުމުގައި ޤައުމީ ސަލާމަތާއި ޤައުމުގެ މިނިވަންކަމާ ސިޔާދަތަށް ނުރައްކާވާފަދަ ކަންތައްތަކެއް ހުރިތޯ ބައްލަވައިދެއްވުންމަށްވެސް އާދަމް ޝަރީފް އުމަރު ވަނީ އެދިލައްވާފައެވެ.
ލީކް ވެފައިވާ ލިޔުމުގައި ވާ ގިނަ ކަންތައްތަކާއި ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ހިޔާލު
މޯދީ ކޮވިޑްވެކްސިންދިނީ އުތުރުތިލަފަޅު 60 އަހަރަށްދޭން އެގްރިމެންޓްގައި ސޮއިކުރުމުން ވަރަށްސާފް އިނގޭތޯ