މިއަދު ލީކް ކޮށްލި އުތުރު ތިލަފަޅު ތަރައްޤީކުރުމަށް ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރުން ވެފައިވާ އެއްބަސްވުމަކީ ޞައްޙަ ލިޔުމެއްކަމުގައި ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.
ޢުމަރު މިހެން ވިދާޅުވެފައި މިވަނީ އެ ލިޔުމަކީ ހަޤީޤަތާއި ޚިލާފު ލިޔުމެއްކަމުގައި ޑިފެންސް މިނިސްޓްރީން ވިދާޅުވެފައި ވަނިކޮށެވެ. ޑިފެންސް މިނިސްޓްރީން ވިދާޅުވީ އުތުރު ތިލަފަޅު ތަރައްގީކުރުމަށް އިންޑިއާއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުން ކަމަށް ބުނެ އުމަރު ނަސީރު ލީކް ކޮށްލާފައިވާ ލިޔުންތަކަކީ ސައްހަ އެއްޗެއް ނޫން ކަމަށެވެ.
ޑިފެންސް މިނިސްޓްރީން މިހެން ވިދާޅުވެފައި ވާއިރު، އުމަރު ނަޞީރު ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިއަދު އެބޭފުޅާ ލީކް ކޮށްލި އެއްބަސް ވުމަކީ ސައްޙަ ލިޔުމެއްކަމަށާއި، އެއީ އިންޑިޔާއިން ފޮނުވި އެއްބަސްވުމުގެ ސްކޭން ކޮޕީއެއްކަމަށެވެ. އުމަރު ވިދާޅުވީ މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު އިރާދަކުރެއްވިއްޔާ، މާދަމާ ޑީ،އެން،އޭ އިން ގެނެސްދޭނެކަމަށެވެ.
ދަޢުރުވަމުންދާ ލިޔުންތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވަނީ އިންޑިއާއާއި އެކު ވެފައިވާ އެއްބަސްވުމުގެ އަސްލު ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ސިޓީއެއްވެސް ހުށައަޅާފައެވެ.
އާދަމް ޝަރީފް އުމަރު ވިދާޅުވެފައި ވަނީ މި ލިޔުމުގައި ވާކަންތައްތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން އުފެދިފައިކަމަށާއި އެހެންކަމުން އުތުރުތިލަފަޅު ތަރައްޤީކުރުމަށް ދިވެހިސަރުކާރާއި އިންޑިޔާ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ އަސްލު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ލިބޭނެގޮތް ހައްދަވައިދެއްވުމަށް އެދޭކަމަށެވެ.
މީޑިއާތަކުގައި ދަޢުރުވަމުންދާ މި ލިޔުމުގައި ބުނާ ގޮތުން ރާއްޖޭގައި އިންޑިއާގެ ސިފައިންނަށް 60 އަހަރަށް ތިބެވޭނެއެވެ. އަދި އިންޑިއާ ސިފައިންނަށް ރާއްޖޭގައި ހަތިޔާރާއި އެނޫންވެސް ތަކެތި ގެންގުޅެވޭނެ ކަމަށް ލީކް ކޮށްލާފައިވާ ޑްރާފްޓް އެއްބަސްވުމުގެ ކޮޕީގައި ވަނީ ބުނެފައެވެ.
މި ލިޔުންތައް ލީކް ކޮށްލަމުން އުމަރު ވިދާޅުވެފައި ވަނީ އުތުރު ތިލަފަޅުގައި ހަދަނީ އިންޑިއާގެ ކަނޑުގެ ލަޝްކަރު ހަތިޔާރާއެކު ތިބެވޭ، އިމިގްރޭޝަން ޤާނޫނުތަކުން އިސްތިސްނާވާ ތަނެއްކަން މި ޑްރާފްޓް އެގްރީމެންޓް އިން ވަރަށް ސާފުކަމަށެވެ.
"މިއީ ދިވެހި ދަޢުލަތަށް ޤައްދާރުވުން. މި ޤައުމުގެ އަމިއްލަވަންތަކަން ނަގާލުން" އުމަރު ވިދާޅުވެފައިވެއެވެ.
އުމަރު ވަނީ ކޮންމެ ބޭފުޅަކުވެސް އެ އެގްރީމެންޓް ކިޔުމަށް ވިދާޅުވެފައެވެ.