ރަޝިޔާގެ އެސް 400 މަރުކާގެ ދިފާއީ ނިޒާމު ތުރުކީއިން ގަނެފައިވާކަމަށް އެގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ބުދަ ދުވަހު ވިދާޅުވެއްޖެއެވެ.
އުރުދުޣާން ވިދާޅުވީ، އެސް 400 މަރުކާގެ ދިފާއީ ނިޒާމް މިހާރު ގަނެފައިވާ ކަމަށާއި މި ނިޒާމް ޖުލައި މަހުގެ ތެރޭގައި ތުރުކީއަށް ގެނެވޭވަރު ވާނެ ކަމަށެވެ.
ތުރުކީއިން ރަޝިޔާގެ ދިފާއީ ނިޒާމް ގަނެފައިވާކަން އިއުލާން ކޮށްފައި މިވަނީ އެމެރިކާއިން އެގޮތައް އެކަން ނުކުރުމަށް ތުރުކީއަށް އިންޒާރު ދެމުން ދަނިކޮށެވެ. މިގޮތުން އެމެރިކާއިން މީގެ ކުރިން ބުނެފައިވަނީ، ތުރުކީއިން ރަޝިޔާގެ ދިފާއީ ނިޒާމް ގަނެފިނަމަ އެމެރިކާގައި އުފައްދާ އެންމެ ފެންވަރުމަތީ ފައިޓާޖެޓް ކަމަށްވާ އެފް 35 މަރުކާގެ ޖެޓް ދުއްވުމަށް ތަމްރީންހަދާ ތުރުކީގެ އެއާފޯސް ޕައިލެޓުން އެ ތަމްރީން ޕްރޮގްރާމުން ވަކިކުރާނެ ކަމަށެވެ.
ތުރުކީއިން މީގެ ކުރިންވަނީ އެމެރިކާއިން އުފައްދާ އެފް 35 މަރުކާގެ ޖެޓްތައްވެސް ގަނެފައެވެ.